ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ލޯފަން މީހުން އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީ ކުރެވޭ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭރު އެ ފުރުސަތު ހުޅުވާލީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ މީހުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން 1414 އަށް ގުޅައި ރަޖިސްޓްރީވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.