ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ނިންމި ނަމަވެސް އިންތިހާބު ވީހާވެސް އަވަހަށް ބާއްވައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
އީސީ އިން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ އިސްލާހު ދިރާސާކުރަމުންދާތީ ކޮމިޓީ ބައްދަލުވުމުގައެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.
އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެ އެވެ.
މިފަދަ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތު ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އާންމުކުރަންޖެހޭނެ އެވެ.
މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ.
އޮންލައިންކޮށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިއަދު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިސްލާހުގައިވާ ގޮތަށް ރޯދައިގެ ފަހުން އަދި އިތުރު 10 ދުވަހަށް މަޑުކުރާނަމަ ގާނޫނުއަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނާ މުއްދަތު ފަހަނަ އަޅާދިއުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވައި އަލަށް ހޮވޭ މެންބަރުން އިއުލާންކޮށް ނިންމަން ޖެހެ އެވެ.
ގާނޫނުއަސާސީއަށް އިޝާރާތް ކުރައްވާ ހަބީބް ވިދާޅުވީ ރޯދަ ނިންމުމަށްފަހު އިތުރު 10 ދުވަސް ފަހުން އިންތިހާބު ބާއްވާނަމަ ގާނޫނުއަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ލިބެނީ ހަމަ ކިރިޔާ ކަމަށެވެ. އެހެންވެ ހަބީބް ހުށަހެޅުއްވީ އިސްލާހުގައިވާ 10 ދުވަހުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްލުމަށެވެ. އޭރުން އެއްވެސް ދާއިރާއެއްގައި ދެ ބޭފުޅެއްގެ ނަތީޖާ އެއްވަރުވީ ނަމަވެސް ގާނޫނުއަސާސީގައި ބުނާ މުއްދަތުގެ ތެރޭގައި އެއްވަރުވީ ދެ ބޭފުޅުންގެ މެދުގައިވެސް އިންތިހާބު ބޭއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އިސްލާހުގައިވާ 10 ދުވަހުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްލުމަށް އީސީ އިން އެދުނު ނަމަވެސް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިސްލާހުގައިވާ 10 ދުވަސް 15 ދުވަހަށް އިތުރުކުރުމަށްވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު އިންތިހާބަކަށްޓަކައި އީސީ އިން ކުރަންޖެހޭ އާންމު ގިނަ މަސައްކަތްތައް އަލުން ކުރަންޖެހޭނެ ކަމަށް ބުނެ ކޮމިޝަނުން ވަނީ އިސްލާހުގައިވާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހަށް ދިމާވާތީ ބައެއް މީހުންގެ ކަންބޮޑުވުން އެކަމުގައި އުޅޭތީވެ އީސީ އިން ކުރިން ވަނީ ރޯދައިގެ ކުރިއަށް އިންތިހާބު ބާއްވައިދިނުމަށް އެދިފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެކަމާ ދެކޮޅެވެ.