ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ދުބާއީގެ މަންޒަރުތައް ވަރަށް އަވަހަށް ރާއްޖެއިން ފެންނަން ފަށާނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ތ. ވޭމަންޑޫއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ދައްކަވާ ވާހަކަފުޅުތަކުގައި ރައްޔިތުންނަށް ބޮޑެތި އުއްމީދުތަކެއް ދެއްވަވާ އަދި އެކަންކަން ކުރާނެ ގޮތްވެސް އޮޅުން ފިލުއްވައިދެއްވަމުން ގެންދަވާ ކަމަށެވެ.
އެމަނިކުފާނު ސަރުކާރުގެ ހިދުމަތުގައި މަސައްކަތް ކުރައްވާތާ 43 އަހަރުވީއިރު ރައްޔިތުން ދެކެން ބޭނުންވާ ތަރައްގީގެ ތަސައްވުރެ ފެންނަން ފެށީ ރައީސް މުއިއްޒުގެ ވެރިކަމުގައި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ތަރައްގީގެ ތަސައްވުރު ސިފަކޮށްދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ތަސައްވުރު ހަގީގަތަކަށްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި އެ މަންޒަރުން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުން ސިފަވަނީ ދުބާއީގެ މަންޒަރުތައް ކަމަށްވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރަސްމާލެ ނަމުގައި ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ތަރައްގީކުރާ ސިޓީ އާއި މާލެ ގުޅާލަނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެއީ އާދައިގެ ވާހަކަފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު އެ ވާހަކަފުޅު ވިދާޅުވުމުން އެކަން ހަގީގަތަކަށް ހެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ކުރީގައި ބްރިޖު އެޅުމުގެ ވާހަކަ ދެއްކި ގޮތަށް ހަމަ މިހާރު އެބަ ސުވާލު އުފައްދާ ކިހިނެއް ހެއްޔޭ އެހާ ފަސޭހައިން ކަނޑުއަޑިން ޓަނަލް އެއް ހަދައިގެން ދަތުރުކުރެވޭނީ އެއީ ވާނެ ކަމެއް ނޫނޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަ އެ ވިދާޅުވަނީ އެމަނިކުފާނުގެ އިންޖިނިއަރިންގެ ތަޖުރިބާއާއި ބޭރުގެ ތަޖުރިބާތައް ހޯއްދެވުމަށްފަހުގައި މިއީ ޔަގީންވާނެ ކަމަކަށްވާތީ އެ މަންޒަރު އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެން ގަބޫލުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު އިއުލާން ކުރައްވަމުން އެ ގެންދަވަނީ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އެކަމަކު އިގްތިސާދީ ހާލަތު ހުރި ގޮތުން އެ ހުރިހާ މަޝްރޫއެއް ފަސް އަހަރުގެ ތެރޭގައި ނިންމާ ނުލެވިދާނެ ކަމަށާއި ނަމަވެސް އެކަންކަމަކީ ހަގީގަތަކަށް ހެދޭނެ ކަންތައްތަކެއް ކަމުގައި ވިދާޅުވި އެވެ. ރައީސް މުއިއްޒު އެވަރުގެ މަޝްރޫއުތަކެއް ހިންގަން ބޭނުންވާއިރު ރައްޔިތުން މައިގަނޑު ދެ ކަމަކަށް ވިސްނުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އެގޮތުން ފުރަތަމަ ކަމަކަށް އެދިވަޑައިގަތީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާތީވެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިދިނުމަށެވެ. އެއީ ގައުމަށްޓަކައި ރައްޔިތުންނަށް މިއަދު ކޮށްދެވޭނެ އެންމެ އަގު ބޮޑު ހިދުމަތް ކަމުގައިވެސް ވިދާޅުވި އެވެ. ދެވަނަ ކަމެއްގެ ގޮތުގައި ނުސީދާ ގޮތަކަށް މިނިސްޓަރު އެދިވަޑައިގަތީ ރައީސް މުއިއްޒު މިހާރު ފައްޓަވަން ނިންމަވާފައިވާ ހުރިހާ މަޝްރޫއުތަކަކީ ފަސް އަހަރުން ނިމެނޭ މަޝްރޫއުތަކަކަށް ނުވާތީ ރިޔާސީ ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވުމާ މެދު ރައްޔިތުން ވިސްނާ ވަޑައިގަތުމަށެވެ.