ދުނިޔެ

ފަލަސްތީން މީހުންނަށް އަދަބަކަށް ބަނޑުހައިހޫނުކަން

ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ހޯދަނީ ހަމައެކަނި ހަމާސްގެ ހަނގުރާމަވެރިން ނޫން ކަމަށް އިންސާނީ އެހިތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނެފި އެވެ.

ޒަޔަނިސްޓުންގެ ބޭނުމަކީ ހަމާސް ބަލިކުރުން ނޫން ކަމަށާއި ފަލަސްތީންގެ އާންމު ރައްޔިތުން ބަނޑަށްޖެއްސުން ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެކޮޅަށް އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށް އެ މީހުން ބަނޑަށްޖައްސަނީ ކޮށް ކުށެއް ކޮށްގެން ބާއޭ ހިތަށް އަރާ ކަމަށް ރެފިއުޖީންނަށް އެހީދޭ އދގެ ހާއްސަ ސަފީރު މައިކަލް ފަޚްރީ ވެސް ވިދާޅުވި އެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާނާއިން އަދަބު ދިނުމަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ނަމަވެސް އެއިން އެއްވެސް މިންގަނޑަކަށް ޔަހޫދީން ނުބަލަ އެވެ.

ޣައްޒާއަށް އެހީ ހިފައިގެން ދާ ލޮރީތަކަށް ހުރަސްއަޅައި، ހަމާސް އިން އަސީރުކޮށްފައި ތިބި ޔަހޫދީން ދޫކުރުމަށް ގޮވާލައި އިޒުރޭލުގެ އާންމުން ވަނީ މަގުތަކަށް ނުކުމެފަ އެވެ.

އިޒުރޭލުގެ އާންމުންނާ ހެދި ޣައްޒާއަށް އެހީ ނުވެއްދި ލޮރީތައް ތާށިވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މިއީ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ރާވައިގެން އާންމުންގެ ބަޔަކު ލައްވައި ގަސްދުގައި ކުރުވާ ކަމެކެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވާ އދގެ ޓީމުތަކުން ބުނާ ގޮތުން އެހީ ހިފައިގެން ޣައްޒާއަށް ވަނުމަކީ ބޮޑު ތަކުލީފެކެވެ.

ޔަހޫދީންގެ ޖެއްސުމާއި އުނދަގުލާ ހެދި އެއްގަމު އުޅަނދުތައް ނުދުއްވި ހުއްޓިފައި ހުރި ކަމަށް އޮފިޝަލުން ބުނެ އެވެ.

ޣައްޒާގެ ރައްޔިތުންނަށް ފެން ފޮދެއް ދިނުމަކީވެސް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އެހީ ފޯރުކޮށްދޭ ޓީމުތަކުން ބުނެ އެވެ.

އޮފިޝަލަކު ވިދާޅުވީ ޔަހޫދީންނާ ދެކޮޅުހަދައި ގަދަދައްކައިފިނަމަ އިތުރު އިންޒާރަކާ ނުލައި ބަޑި ޖަހައި ޒަޚަމްކޮށްލުން ނުވަަތަ މަރާލުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާ ކަމަށެވެ.

ފަޚްރީ ވިދާޅުވި ގޮތުން ދުނިޔޭގައި ހިނގާ އެއްވެސް ހަނގުރާމައެއް މިހާ ލާއިންސާނީ ނޫން ކަމަށެވެ. ހަމަލާތައް ކިތަންމެ ވަރުގަދަ ނަމަވެސް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ހާއްސަ އިނާޔަތްތަކެއް އޮންނަ ކަމަށް ވިދާޅުވި އެވެ.

ޣައްޒާ ބަނޑަށް ޖައްސައި ޔަހޫދީންގެ ވިސްނުމަކީ ނަސްލު ނައްތާލުން ކަމަށް އޮފިޝަލުން ތަރުކާރުކޮށް ބުނާއިރު ވެސް، ބައިނަލްއަގްވާމީ އިދާރާއަކުން ޔަހޫދީ ޒަޔަނިސްޓުން ހުއްޓުވާކަށް މަސައްކަތެއް ނުކުރެ އެވެ.