ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

Feb 8, 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ މި އެސްއެމްއެސްގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށެވެ. އަދި އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ލިންކަކާއެކު އެސްއެމްއެސް ނުފޮނުވާނެ ކަމަށެވެ.

މިފަދަ ލިންކްތަކަށް ނުވަނުމަށާއި އިންޓަނެޓް ބޭންކިންގެ ލޮގިން މައުލޫމާތު އެއްވެސް މީހަކަށް ނުދިނުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ފުލުހުން މިދިޔަ މަހު ހާމަކުރި ގޮތުގައި ސްކޭމް މައްސަލަތަކުގެ ރެކޯޑް ބަލަހައްޓަން ފެށިފަހުން މިހާތަނަށް އެފަދަ މައްސަލަތަކުގައި 57 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.