މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް ބޭތިއްބުމަށް ހެދުމަށް ނިންމާފައިވާ ކެޓް ޝެލްޓަ އެޅުމަށް ހަމަޖެހިފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން މިމަޝްރޫއު މާލެ ސިޓީ ކައުންސިލާ ހަވާލުކޮށް މިއަދު ހުޅުމާލެ އިން ހަވާލުކޮށްފައިވަނީ 5،000 އަކަފޫޓުގެ ބިމެކެވެ.
މާލެ ސިޓީ ކައުންސިލާ މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި މިމަޝްރޫއާ ގުޅިގެން ކެޓް ޝެލްޓް ހަދަން ހަމަޖެހިފައިވަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާ އަދި ކެޓް ޝޮޕެއް ވެސް ހިމަނައިގެންނެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ ދަށުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެހެންވެ ކެޓް ޝެލްޓާ އެޅުމަށް މިހާރު ދީފައިވާ ބިމަށް އަދި އިތުރު 1،800 އަކަފޫޓް ލިބޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް އެޅުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުގެ ވިސްނުން ހުރީ މުސްތަގުބަލްގައި އަތޮޅު ތެރޭގައިވެސް މިފަދަ ސެންޓަރުތަކެއް އެޅުމަށެވެ.
ހުޅުމާލޭގައި ކެޓް ޝެލްޓާ އަޅާ ނިމުމުން މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުދަގޫތަކަށް ދާއިމީ ހައްލެއް އަންނާނެ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.