އެޗްޑީސީ އިން ދޫކުރާ ފްލެޓެއް މީހަކަށް ލިބިފައިވާ ކަމަށް ބުނެ އެ މީހާގެ އެކައުންޓުން އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނެގުމަށްފަހު އެ ފައިސާ ހަތް މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
މިފައިސާ ޖަމާވި މީހުންގެ އެކައުންޓްތަކުގެ މައުލޫމާތާއި އެމީހުންނަށް ޖަމާވެފައި ހުރި ފައިސާގެ އަދަދުތައް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.
ފުލުހުން މިމައްސަލައިގައި މިހާތަނަށް ބުނީ މަކަރާއި ހީލަތް ހަދައިގެން މީހެއްގެ އެކައުންޓްގައި ހުރި ދެ ލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފައިސާ ޖަމާކޮށްފައި ހުރި އެކައުންޓްތަކުގެ މައުލޫމާތު ސޯޝަލްމީޑިއާގައި ހާމަކުރީ ލަނޑު ލިބުނު އަންހެން މީހާގެ ފިރިމީހާ އެވެ. މިމައުލޫމާތުތަކަށް ބަލާއިރު ހީލަތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހަތަރު އަންހެނަކުވެސް ހިމެނެ އެވެ.
ހީލަތުގެ ފައިސާ މި އެންމެންގެ އެކައުންޓަށް ފޮނުވާފައިވަނީ ލަނޑު ލިބުނު އަންހެން މީހާއަށް ލިބުނު އީމެއިލްއެއްގައިވާ ޕާސްވޯޑެއް ގުޅިފަރާތަށް ހިއްސާކުރުމުންނެވެ.
ލަނޑު ލިބުނު މީހާގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ހީލަތުން ފައިސާ އަތުލި މީހުންގެ ތެރޭގައި ވިލިނގިލި ބަޔަކު ޝާމިލްވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް މަކަރާއި ހީލަތް ހަދައިގެން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެކި މީހުންގެ އެކައުންޓްތަކުން ނަގާފަ އެވެ. އެހެންވެ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް ފުލުހުން ގެންދަނީ އަބަދާއަބަދު އިލްތިމާސްކުރަމުންނެވެ.