ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ޕްލޭނެއް އެކުލަވާލަނީ

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާގައި އަސްލަމް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކަށް ހާއްސަކޮށްގެން ހައުސިން ސްކީމްތައް ހިންގި ނަމަވެސް މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތުމުގެ ކަންބޮޑުވުން މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މުވައްޒަފުންނަށް ހައުސިން ސްކީމް އިންތިޒާމު ކުރެވެންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން ސަރުކާރަކުން ވެސް ނޫން ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެންޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މަޖިލީހުން އެކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި އެކަމުގައި މުވައްޒަފުންނާއި އަމީންއާންމުގެ މަޝްވަރާ ހޯއްދަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.