ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އަސްލަމް ކަންބޮޑުވުންފާޅު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މަޖިލީހުގެ އާންމު ކޮމިޓީން އިސްލާހު ގެނައި ގޮތަށް މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.

ނަމަވެސް އެ އިސްލާހުގައި މަޖިލީހުގެ ޖުމްލަ މެންބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށާއި އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހުގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް މިވަގުތު އަމަލުނުކުރުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިމަހުގެ އަށްވަނަ ދުވަހު ވަނީ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުންނެވެ.

"އެހެންކަމުން މިހާރު ނިންމާފައި މިވާ ކޯޓު އަމުރާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުން ވަނީ މި ކޯޓު އަމުރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު މި މައްސަލަ ބެއްލެވުމެއް ނެތި އަދި އެއީ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓު އަމުރެއް ލިބިފައިވާތީ އަޅުގަނޑުމެން ކަންބޮޑުވަން،" މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ފުރުސަތު މެންބަރުންނަށް ހުޅުވާލައްވާ ކަމަށާއި މަޖިލީހުން އެހެން ގޮތެއް ކަނޑައެޅެންދެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށެވެ.