ދުނިޔެ

އިޒުރޭލުން ރަފާހްއަށް އަރައިގަތުމަށް ރިޒާފް ސިފައިން ނެރެނީ

އިޒުރޭލު ސިފައިން ދެކުނު ޣައްޒާގެ ރަފާހްއަށް ވަދެގަތުމަށް ތައްޔާރުވުމަށް ރިޒާވް ސިފައިން ނެރުމަށް ޒަޔަނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ އަސްކަރިއްޔާއަށް އަމުރުކޮށްފި އެވެ.

އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ހަރްޒީ ހަލެވީއާ ހަވާލަދީ އިޒުރޭލުގެ ނޫސްތައް ބުނާ ގޮތުން އަސްކަރީ ފައުޖުތައް ތިބީ އެ މީހުންނަށް ކޮށްފި ކޮންމެ އަމުރަކަށް ތައްޔާރަށެވެ.

ސިޔާސީ ގޮތުން ހަމަޖައްސަން ހުރި ހުރިހާ ކަމެއް ހަމަޖެހުމާ އެކު ފައުޖުތައް މަގާމުތަކުގައި ގާއިމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަފާހް އަށް އަރައިގަތުމުގެ ކުރިން އެ ސިޓީގައި ތިބި އާންމު ރައްޔިތުން ބާލާނެ ގޮތެއް ރޭވުމަށްވެސް ބެންޔަމިން ނަތަންޔާހޫ އޮތީ އަސްކަރިއްޔާއަށް އަމުރުކޮށްފަ އެވެ.

އިޒުރޭލުން ހަމަލާތައް ފެށުމުގެ ކުރިން ރަފާހް އިން ފައިބަން ބޭނުން މީހަކަށް އެ ފުރުސަތު އޮތް ކަމަށްވެސް ޔަހޫދީ އަސްކަރިއްޔާއިން ބުންޏެވެ.

ޔަހޫދީ އަސްކަރިއްޔާއިން މިހާރު ވެސް ގެންދަނީ ރަފާހް އެކި ތަންތަނަށް ބޮންއަޅަމުންނެވެ. އެ ނޫން ގޮތެއް ހޯދަން ބޭނުން ބަޔަކު ތިބިނަމަ ރަފާހް ދޫކޮށް މިސްރުގެ ބޯޑަރަށް ޖަމާވުމަށް ޔަހޫދީން ދަނީ ގޮވަމުންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުން ރައްކާތެރިވުމަށް ޣައްޒާގެ ގިނަ ބަޔަކު މިހާރު ވެސް ތިބީ ރަފާހްގަ އެވެ. ޚަބަރުތައް ބުނާ ގޮތުން ރަފާހްގައި މިހާރު އޮތް އާބާދީ 1.4 މިލިއަނަށް ވުރެ އިތުރުވާނެ އެވެ.

އިޒުރޭލު މީޑިއާތައް އަސްކަރިއްޔާއާ ހަވާލާދީ ބުނާ ގޮތުން ރަފާހްއަށް ވަދެގަތުމަށް ބޭނުންވާ ހުރިހާ ތައްޔާރެއް މިހާރު ވަނީ ނިމިފަ އެވެ. ރަފާހްއަށް ވަދެގަތުމަށް ދެ ހަފުތާއެއް ނެގި ނަމަވެސް އަރައިގަންނާނެކަން އެއީ ޔަގީން ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ފަލަސްތީނުން ހަމާސް ނައްތާލުމަށްޓަކައި – ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި – ރަފާހްއަށް ވަދެގަންނަން ޖެހެ އެވެ. އެއީ މިހާރުވެސް ހިމާޔަތް ހޯދައިގެން ތިބި ހަމާސްގެ ހަނގުރާމަވެރިން ހޯދައި މުޅި ޖަމާއަތް އެކުގައި މުލުން ލުހެލުމަށެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 28،000 އަށް ވުރެ ގިނައިން ވަނީ މަރުވެފަ އެވެ. އެކިވަރުގެ ޒަޚަމްތަކާ އެކު ފަރުވާ ހޯދާ މީހުންގެ އަދަދު 70،000 ވަނީ ފަހަނައަޅާފަ އެވެ.

އިޒުރޭލުގެ އުދުވާނާ ގުޅިގެން ޣައްޒާ އާބާދީގެ 85 ޕަސެންޓް ވަނީ ވިއްސިވިހާލިވެފަ އެވެ. އުމްރާނީ ތަރައްގީގެ 60 ޕަސެންޓް މުޅިން ސުންނާފަތިވެ ތަރައްގީ ވަނީ އަހަރުތަކެއް ފަހަތަށް ސޮހިފަ އެވެ.

ޣައްޒާއަށް އެހީ ހިފައިގެން ވަންނަ ލޮރީތަކަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން، މިހާރުވެސް ވަރަަށް ހާލުގައި ޖެހިފައި އޮތް ޣައްޒާ ބަނޑަށް މަރުވަނީ އެވެ. ބޯފެނާއި ބޭސްފަރުވާގެ ހާލަތުވެސް އޮތީ ބިރުގަންނަ ވަރަށް ދަށުގަ އެވެ.