މުލިއާގޭ ކައިރީ އެއްޗެއް ގޮއްވާލަން އުޅުން

މުލިއާގޭ ކައިރި ބޮން ގޮވަން އުޅުނު މީހުންގެ ޝަރީއަތް ސިއްރުކޮށްފި

Feb 29, 2016

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފައި އޮތް ބޮން، އައިއީޑީގެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްފި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މިއަދު ސިއްރު ކުރި އިރު މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ ހެނދުނު 10:00 ޖަހާއިރަށެވެ.

މުލިއާގެ ކައިރީގައި އައިއީޑީ ބޭއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ހ. މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ.

ޕީޖީ އިން ބުނެފައިވަނީ، އެކެއްގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކަމަށް ޕީޖީ އިން ބުންޏެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. މި ހަތަރު މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައި މުލިޔާގޭ ކައިރިން ފެނުން އައިއީޑީއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ގަނޑެއް އުފެދި އެތައް ބައެއްގެ ފުރާނެ ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ސީދާ ރައީސް އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށެވެ.