މޯލްޑިވްސް ޕޮލިސް ސާވިސް

މާޔަންގެ ފަށް ފޭރުނު ދެ މީހުން ހައްޔަރުކޮށްފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ދުވަން ނިކުމެ އުޅެނިކޮށް ބަޔަކު އޭނާ ހުއްޓުވައި ކަރުގައި އޮތް ރަން ފަށް ފޭރިގަތުމާ ގުޅިގެން އެ ކުށުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިއަދު ހެނދުނު މި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ "ކްލޭ ސްޓޫޑިއޯ" ކައިރިން އިއްޔެ ހެނދުނު އެވެ.

މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ދެ މީހުންނެވެ. އެ މީހުން ތިބީ ހެލްޓްމެޓް އަޅައިގެން ކަމަށްވެ އެވެ.

ފަށް ފޭރިގަތީ މާޔަން ދުވެފައި ދަނިކޮށް އޭނާގެ ކަރުގައި ހިފާ ވައްޓާލުމަށްފަހު ފަށް ޖަހައިގަނެގެންނެވެ.

މާޔަން ވަނީ މިހާދިސާގެ މައުލޫމާތާއި ފޭރިގެންފައިވާ ފަށުގެ ފޮޓޯއެއްވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެއްވެސް މީހަކު އެ ފަށް ވިއްކަން އުޅޭނަމަ އަންގައިދިނުމަށް އެދިފައިވެ އެވެ.