މޯލްޑިވްސް ޕޮލިސް ސާވިސް

ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި މެޗެއް ކުރިއަށް ދަނިކޮށް މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި މާރާމާރީއަ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ރުވާގުގެ، އިބްރާހިމް ނުއައިމް ޝަރުމީލް (19 އަ)

ނުއައިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

އޭނާ އަށް ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ބިރުވެރިކަން އުފެދޭ ގޮތަށް މާރާމާރީގައި ބައިވެރިވި ކަމަށެވެ.

ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހުވެސް ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހ. ހިލްޓަން، މާލެ، އިބްރާހިމް އަލީފް ރައޫފް (34 އ) އާއި ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް (21 އ) އެވެ.

މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

މާރާމާރީ ހިނގީ މިދިޔަ ބުދަ ދުވަހު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައެވެ. ހަމަނުޖެހުން ހިންގުމަށް ދަނޑު މައްޗަށް އެރި ސަޕޯޓަރުންގެ ބަޔަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދާއި އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ހަމަލާދީފަ އެވެ.