އަހުމަދު ޝިޔާމް

މަސް ގަންނަ އަގު 20ރ. އަށް ކުޑަކޮށްފި

މަސް ގަންނަ އަގު 20ރ. އަށް ކުޑަކުރީ ދައުލަތުން މާލީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވުމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މަހުގެ އަގު 25ރ. އަށް ބޮޑުކުރީ ދިރާސާއެއް ނުކޮށް ކަމަށާއި އެކަން ކުރީ ސިޔާސީ ބޭނުމަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް 25 ރުފިޔާއަށް ބަދަލުކުރެއްވި ކުރެއްވުން އަޅުގަނޑުމެން އޭރުވެސް މިއަދުވެސް ދެކެނީ އެއީ ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމަށްޓަކައި ގެންނެވި ބަދަލެއް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

މިފްކޯއަށް މަސް ގަންނަ އަގު އޭރު ބޮޑުކުރީ ސެޕްޓެމްބަރު 16، 2023 ގަ އެވެ.

ޝިޔާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 20ރ. ރުފިޔާއަށްވުރެ ކުޑަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

"އޭރު އެގޮތަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ވަރު ބައްލަވާ އަދި މިފްކޯގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު ގެންގުޅުއްވާތީއާއެކު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އޭރު ރާއްޖެއިން މަސް ބޭރުކުރާ ބާޒާރުތަކުގައި މަހުގެ އެއް ޓަނުގެ މަހުގެ އަގަކީ 1،450 ޑޮލަރެވެ.

"އޭގެ މާނައަކީ 22.40ރ. އަށް ކިލޯއެއް. 17 ރުފިޔާއަށް ގަންނަމުން އައި މަސް 25 ރުފިޔާއަށް ބަދަލުކުރި ބަދަލުކުރުން ޔަގީނުންވެސް ވެގެން ދިޔައީ މިފްކޯގެ ހިނގުމުގެ ހަރަދު ނުލައި ވެސް އެއީ ގާތްގަނޑަކަށް 2.60ރ. ގެއްލުމުގައި މަސް ގަންނަން ނިންމި ނިންމުމަކަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މިއަހަރު އެ އަގުގައި މަސް ގަންނަނަމަ 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން ހޭދަކުރަން ޖެހޭނެ ކަމަށެވެ.