ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިސްރާބު ރަނގަޅެއް ނޫން، ފެންނަން އޮތީ ފުން އަނދަވަޅެއް: ސޯލިހު

ގައުމު މިދާ މިސްރާބު ރަނގަޅު ނޫން ކަމަށާއި އެކުގައި މަސައްކަތް ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނެ ފުން އަނދަވަޅު ސާފުކޮށް ފެންނަ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެވެސް މެންބަރު ޖީހާން މަހުމޫދުގެ ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ލޯ މަރާލައިގެން ހުރެވެން ނެތް ކަމަށާއި އެކުގައި އެތައް މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

"މިރާއްޖެ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމަށް އައުމުގެ ކުރިންވެސް އަދި މިއަދުވެސް ޕީޕީއެމް ޕީއެންސީން ހަދަމުން ދަނީ ދޮގު ކަމަށާއި އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް މިހާރު ސާފު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ނިންމުނު ނިންމުމާމެދު މިއަދު ދެރަވެ ކަންބޮޑުވާ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފެށި ތަރައްގީގެ ގިނަ މަޝްރޫއުތައް މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށެވެ.