ސްޓެލްކޯ

ދުވާފަރުގެ ކަރަންޓުގެ މައްސަލަ ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށްފި

ރ. ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށް އެ ރަށަށް އަލުން ކަރަންޓު ދީފި އެވެ.

ދުވާފަރުގެ ބޮޑު ސަރަހައްދަކުން އިއްޔެ ހެނދުނު ކަރަންޓު ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކުންނެވެ.

ކަރަންޓު ކޭބަލަށް ދިމާވި މައްސަލައިގެ ސަބަބުން ރަށުގެ 300 އަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 6:30 ހާއިރު ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓުދީފައިވާ ކަމަށެވެ.

ފަހުމީ ވަނީ ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެއީ ގައުމީ މަސައްކަތެއް ކަމުގައި ދެކި ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

"ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ހިދުމަތުގައި،" ފަހުމީ ވިދާޅުވި އެވެ.