އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝާހިދު ނިންމަވައިފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.

‏އަބްދުﷲ ޝާހިދު ބޭނުންވާ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި އެމަނިކުފާނު މިއަދު ވަނީ ރަސްމީކޮށް އެކަން އިއުލާންކުރައްވާފަ އެވެ.

"މާތްގެ ވާގިފުޅާއި އެކު އެމްޑީޕީގެ‬⁩ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކޮށްފީމެވެ،" ޝާހިދު ވިދާޅުވި އެވެ.

‏ޝާހިދު ވިދާޅުވީ އާ ފޯރިޔަކާއި އާ ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރަާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު އޮތީ ފެންނަން ކަމަށެވެ.

‏"ލޮބުވެތި މެމްބަރުންގެ ތާއީދާ އެއްބާރުލުން އަޅުގަނޑަށް ދެއްވުން އެދެމެވެ،" ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ސަފުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ޝާހިދު އަކީ ސިޔާސީ ތަޖުރިބާ އެންމެ ބޮޑު ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، ވަޒީރުކަމާއި އަދި އދ. އާންމު މަޖިލީހުގެ ރައީސް ކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝާހިދު ފިޔަވާ އަދި އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ޖޫން 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރައީސްގެ ޒިންމާ ވަގުތީ ގޮތުން މިވަގުތު އުފުއްލަވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.