ދުނިޔެ

ހޫސީން ކަނޑުއަޑީގައި ޑްރޯން ބޭނުންކުރަން ފަށައިފި

އިރާންގެ އެހިތެރިކަމާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ކަނޑުއަޑީގައި ޑްރޯން ދުއްވަން ފަށައިފި އެވެ.

މިއީ ރަތް ކަނޑު ބަލަަހައްޓަށް އެމެރިކާއާ ބައިވެރިން އުފައްދާފައި އޮތް އަސްކަރީ ބާރާ ދެކޮޅަށް ބޭނުންކުރާ ޑްރޯންތަކެކެވެ.

މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑަށް ނުކުން މުދާއުފުލާ ބޯޓުތަކަށް ހޫސީ އަސްކަރިއްޔާ އިން ހަމަލާދޭ މައްސަލާގައި -- އެ އުޅަނދުތައް ރައްކާތެރިކަން ދިނުމަށް ކަމަށް ބުނެ ރަތް ކަނޑަށް ނުކުމެ ގުޅިފައި އޮތް ބާރުތަކުން، ޔަމަނުގައި ހުރި ހޫސީންގެ އަސްކަރީ މަރުކަޒުތަކަށްވެސް ވަނީ ހަމަލާދިފަ އެވެ.

ހޫސީން ބުނި ގޮތުން އެ މީހުންގެ ހަމަލާތައް އަމާޒު ވާނީ އެ އުޅަނދަކުން އިޒުރޭލަށް މުދާ އުފުލައިދޭނަމަ އެވެ. އެ ނޫން ގޮތެއްގައި ރަތް ކަނޑުން ދަތުރުކުރާ އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުދޭނެ ކަމަށް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.

ގުޅިފައި އޮތް ބާރުތަކުން ހޫސީންނަށް ހަމަލާދިނުމުން އެކަމަށް ބަދަލުހިފާނެ ކަމަށްވެސް ހޫސީން އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަނޑުއަޑިން ދުއްވާ ޑްރޯންތަކާއި އާ ވައްތަރުތަކުގެ މިސައިލްތައް ހޫސީން ބޭނުންކުރަން ފެށީ ގުޅިފައި އޮތް ބާރުތަކުން ހޫސީންނަށް ހަމަލާދޭތީ އެވެ.

ހޫސީން ބުނާ ގޮތުން އެމެރިކާއާ ގުޅިފައި އޮތް ބާރުތަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަތް ކަނޑު ދޫކޮށް ދިއުމެވެ. އެ ނޫން ގޮތެއްގައި އެ މީހުންގެ އުޅަނދުތައް އަދި އިޒުރޭލަށް މުދާއުފުލާ އުޅަނދުތައްވެސް ރައްކާތެރި ނުވާނެ ކަމަށްވެސް ހޫސީން ބުނެ އެވެ.

އެމެރިކާެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުން ހޫސީންގެ ހަމަލާތައް ފޭލިކޮށްލުމުގައި އެ މީހުންނާ ގުޅިފައި ހުރި އަސްކަރީ ބާރުތައް މާ ކުޅަދާނެ އެވެ. ހޫސީން ދޭ ހަމަލާތަކުން ގެއްލުމެއް ލިބުމުގެ ކުރިން ނައްތާލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހޫސީން ކަނޑުއަޑީގައި ޑްރޯން ބޭނުންކުރާކަން ސެންޓްކޮމް އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ހޫސީންގެ ޑްރޯންތަކުން ބޮޑު ގެއްލުމެއް ދިނުމުގެ ކުރިން ނައްތާލާނެ ކަމަށްވެސް ކޮމާންޑް ސެންޓަރުން ބުންޏެވެ.

އެމެރިކާއާއި އިނގިރޭސީން މިހާރު ވެސް ދޭތެރެ ދޭތެރެއިން ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދެ އެވެ. އަދި ބޮޑެތި ގެއްލުން ދެވޭ ކަމަށްވެސް އެ މީހުން ބުނެ އެވެ.

ހޫސީން ބުނާ ގޮތުން އެމެރިކާއާ ބައިވެރިން ހަމަލާތައް ވަރުގަދަކުރާނަމަ އެ މީހުންވެސް ހަމަލާތައް ވަރުގަދަ ކުރާނެ އެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުގެ މަނަވަރުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ދޭ ހަމަލާތައް ވަރުގަދަ ކުރާނެ އެވެ.