ހަބަރު

މާމިގިލީ އިސް މެޖިސްޓްރޭޓްގެ ބަންދު އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ރާވައި ސައްހަ ނޫން އަމުރެއް ތައްޔާރުކުރި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ބަންދަށް އިތުރު ހަތް ދުވަސް ހައި ކޯޓްގެ މުއްދަތުގެ މަޖިލީހުން ޖަހައިފި އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން، ގާޒީ ނިހާންގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. މުހުތާޒު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ އަމުރު ބާތިލުކޮށް ހައިކޯޓުން ވަނީ އަލުން މުހުތާޒު ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ.

މުހުތާޒުގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު"ގެ ނަމުގައި އޮތް ކޯޓު އަމުރުގައި ހައްޔަރުކުރުމަށް އޮތް ގ. ދޫވެހި/ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއާއި ގާނޫނުން މުހިއްމު މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާކަމާއި، އެގޮތުން ދިވެހިދައުލަތުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކާއި ސިޔާދަތާއި އިސްތިގްލާލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެއިސް މަސްއޫލިއްޔާތު ހަވާލުކޮށްފައިވާ ފަރާތްކަން އެނގޭއިރު، ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެއަމުރަކީ ސައްހަ އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމަކީ ދިވެހިދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކުރިމަތިވުމުގެ ފުރުސަތު އޮތް އަދި މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމް އާންމަށް ބުރޫއަރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.