މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަހުގެ އަގަށް ގެނައި ބަދަލު ދައުލަތަށް ވަރަށް ބޮޑު ބުރައަކަށްވެފައިވާ ކަމަށެވެ.
"އެހެން ނޫންނަމަ މިދިޔަ ސަރުކާރުންވެސް އޭރުގައި މަސްވެރިންނަށް ދައްކަން އޮތް ފައިސާ 200 މިލިއަނަށްވުރެ މަތީގައި ނޫޅޭނެކަން ހަމަ ޔަގީން،" ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރުން މަހުގެ އަގު މުރާޖައާކުރުމަށްފަހު ހަފުތާއިން ހަފުތާއަށް ފައިސާ ދޭން ނިންމާފައިވާއިރު މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޭންޖެހޭ 26 މިލިއަން ރުފިޔާ މި ހަފުތާ ތެރޭގައި މަސްވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެ 26 މިލިއަން ރުފިޔާ ނުހިމަނައި ކުރީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާހުރި ފައިސާއާއެކު 280 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބަހުރި އޭނާ ވިދާޅުވި އެވެ.
އޭގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހު ދެއްކުމަށްފަހު ބާކީ 180 މިލިއަން ރުފިޔާ މާޗް ފަހެއްގެ ކުރިން ދައްކާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަދާ ހަމަށް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް އުނދަގުލުގައި ކަމަށާއި ނަމަވެސް ކަންކަން ކުރިއަށްގެންދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.
"ފައިސާ ޗާޕުކުރީމަވެސް ރައްޔިތުންގެ ޖީބަށް އެ ބުރަ ބޮޑުވާނެތީއާއެކީގައި އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ޗާޕުނުކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފަ،" ޝިޔާމް ވިދާޅުވި އެވެ.