ދުނިޔެ

އަސީރުން މިނިވަންކުރަން އިޒުރޭލުން އެއްވެސް އަގެއް ނުދައްކާނެ: ނަތަންޔާހޫ

ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމަށް އިޒުރޭލުން އެއްވެސް އަގެއް -- ހަރަދެއް ނުކުރައްވާނެ ކަމަށް ޔަހޫދީ ޒަޔޮނިސްޓް ބޮޑުވަޒީ ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޗްވެސް މި މޭރުމުން ބަސް ވިދާޅުވެ، ވިދާޅުވީ އަސީރުން މިނިވަން ކުރުމަށް ލޯލާރިއެއްވެސް ހޭދަ ނުކުރައްވާނެ ކަމަށެވެ.

އަސީރުން އަދިވެސް ތިބީ ހަމާސްގެ އަތްދަށުގަ އެވެ. އަސީރުން މިނިވަންކުރަން ކުރެވުނު އެއްވެސް މަޝްވަރާއެއް ކާމިޔާބެއް ނުވި އެވެ. ހަމާސްއިން ހުށަހެޅި އެއްވެސް ޝަރުތެއް ޔަހޫދީން ގަބޫލެއް ނުކުރި އެވެ.

ހަމާސްގެ ބިންގަރާސްތަކުގައި އަދިވެސް ޔަހޫދީ 134 އަސީރުން އެބަތިބި ކަމަށް އިޒުރޭލުގެ ކާން ރޭޑިއޯ އިން ވަނީ ބުނެފަ އެވެ.

އަސީރުން އަނބުރާ އިޒުރޭލަށް ގެނައުމާ ބެހޭ ގޮތުން ސްމޮތުރިޗަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި، އަސީރުން މިނިވަންކުރުން ވަރަށް މުހިންމު ކަމަށް އޭނާވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ. ނަމަވެސް ފައިސާ ހޭދަކޮށްގެން އަސީރުން މިނިވަން ނުކުރައްވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން ސްމޮތުރިޗް ތަކުރާރުކުރެއްވި އެވެ.

ސްމޮތުރިޗް ވިދާޅުވީ ހަމާސްގެ އަތްދަށުން އަސީރުން މިނިވަންކުރާނީ އަސްކަރީ ބާރުން ކަމަށާއި -- އަސީރުން މިނިވަންކުރަން މުޅި ހަމާސް ނައްތާލަން ޖެހުނު ނަމަވެސް އިޒުރޭލުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން ބެންޖަމިން ނަތަންޔާހޫ މި މޭރުމުން ވާހަކަދެއްކެވުމުން އިޒުރޭލުގެ އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ނަތަޔަންހޫ ބުއްދި ސަލާމަތުން ހުރިތޯ ސުވާލުކުރައްވާފަ އެވެ. އަދި ދައުލަތުން ކުރަން ޖެހޭ ކަންކަމަށް މާލީ ވަޒީރު ހޭދަކުރައްވަނީ އަމިއްލަ ޖީބުންތޯވެސް ވަނީ ސުވާލުކުރައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން އާންމު ރައްޔިތުންގެ ބެލެނިވެރިކަމާ ހަވާލުވެ ތިބި ބަޔަކު މިފަދައިން ވާހަކަދެއްކެވުމަކީ ޒިންމާދާރު ގޮތުގައި ގައުމު ހިންގުން ނޫން ކަމަށް އަސީރުންގެ އާއިލާތަކުން ބުންޏެވެ.

ދައުލަތުން ކޮންމެ ހޭދައެއް ކޮށްގެން ނަމަވެސް އެ މީހުންގެ އާއިލާ މީހުން މިނިވަންކުރަން ޖެހޭނެ ކަމަށް އާއިލާތަކުން ބުނެ އެވެ.