ފިޔާ އެކްސްޕޯޓްކުރަން އިންޑިއާ ސަރުކާރުން ހާއްސަ ހުއްދަ ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން މިއަހަރުގެ މާޗްމަހާ ހަމައަށް އެގައުމުން ފިޔާ އެކްސްޕޯޓްކުރުން ވަނީ މަނާކޮށްފަ އެވެ.
މިގޮތަށް ނިންމި ނަމަވެސް އިންޑިއާގެ ކަމާބެހޭ ވުޒާރާތަކުގެ ލަފާއާއެކު ބައެއް ގައުމުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ އެކްސްޕޯޓްކުރެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެގައުމުން ފިޔާ އެކްސްޕޯޓްކުރަން ހާއްސަ ހުއްދަ ދޭ ގައުމުތަކުގެ ލިސްޓުގައި މި ފަހަހަރު ރާއްޖެ ނުހިމެނެ އެވެ.
ހާއްސަ ހުއްދައިގެ ދަށުން އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި މިފަހަރު ހިމެނެނީ ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ބޫޓާން އާއި ނޭޕާލުގެ އިތުރުން މޮރިޝަސް އަދި ބަހްރެއިން އެވެ.