މަސްވެރިން

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ޝިޔާމު ވިދާޅުވެފައި މިވަނީ މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަތުމަށްފަހު ފައިސާ ނުދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން މަސްވެރިންގެ ބަޔަކު ކޫއްޑޫގައި މުޒާހަރާކުރާތާ ތިން ދުވަސްވީ ފަހުންނެވެ.

މިނިސްޓަރު ޝިޔާމު މިރޭ ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދިނުމަށް ސަރުކާރުން ބުނެފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާ މާދަމާ ދޫކުރާނެ ކަމަށެވެ.

ބާކީ ބައި މަސްވެރިންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް ފަސްވަނަ ދުވަހުގެ ކުރިންނެވެ.

މަސްވެރިން އިހްތިޖާޖު ކުރަން ފެށުމުން ޝިޔާމު މީގެކުރިން ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުވެސް ކުރައްވާފަ އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 200 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޝިޔާމު ކުރިން ވިދާޅުވެފައިވެ އެވެ. އަދި މަސްވެރިން މުޒާހަރާއަށް ނިކުތުމުގެ ކުރިން މިސަރުކާރުން މަސްވެރިންނަށް 400 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މަސްވެރިން މުޒާހަރާއަށް ނިކުންއިރު 300 މިލިއަން ރުފިޔ ނުދެވި އޮތް ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މަސްވެރިންނަށް ނުދީ ހުރި ފައިސާ މިއަދު ދޫކުރަން ފަށާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފައިވެ އެވެ.