މަސްވެރިން

މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން: ޝިޔާމު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މިނިސްޓަރު ޝިޔާމު ވިދާޅުވީ ނޮވެމްބަރު 17، 2013 އިން ފެށިގެން މިދިޔަ އޭޕްރީލް 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށެވެ. މަސްވެރިންނަށް އަދިވެސް 61 މިލިއަން ރުފިޔާ ނުދީ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

"މަސްވެރިންނަށް މިސަރުކާރުން ޔަގީނުންވެސް 881 މިލިއަން ރުފިޔާ ދޫކޮށްފި. މަސް ނިމޭއިރު މިފްކޯއަށް ހުންނާނެ އުނދަގޫތަކެއް. އުއްމީދު ކުރަނީ މި ފައިސާ [ނުދެވި ހުރި ފައިސާ] ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސްކުރުން،" ޝިޔާމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯ އިން ކުރާ ހަރަދުތައް ކުޑަކޮށްގެން ނޫނީ މަސްވެރިންނަށް ފައިސާ ދޭން ދަތިވާނެ ކަމަށެވެ. އެހެންކަމުން މިފްކޯއާއި އަދި އެހެން ތަންތަނުންވެސް ހަރަދު ކުޑަކުރެވެން ހުރި ގޮތްތައް ބަލައި އެކަންކަމުގައި ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ އޮތް ކަމަށް ޝިޔާމު ކުރިން ވިދާޅުވެފައިވެ އެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފަ އެވެ