ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާ މައްސަލައިގައި ހުކުމް ކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ދުސްތޫރުގެ "ސުޕްރިމަސީ" ނަގަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
މިނިވަން ޝަރުއީ ދާއިރާއެއްގެ އެންމެ އަސާސީ އެއް ސިފައަކީ އެއްވެސް ބިރެއް ޖެހިލުމެއް ނުބައި ނިޔަތެއް ނެތި ވަކި ފަރާތަކަށް ޖެހުމެއް ނެތި، ވަކި މީހަކަށް ވީތީ ތަފާތުކުރުމެއްވެސް ނުގެން ގުޅޭ އަދި އެއްވެސް ދިމާލަކުން އަންނަ ފިއްތުމަކަށް ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަކަމާއި އަދުލުވެރިކަމާ އެކު ނިންމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ކޯޓުތަކުން ލަސްވާތަން ފެންނައިރު ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމާ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަންވެސް ފެނިގެން ގޮސްފައިވާއިރު މިދެންނެވުނު ކަންކަމަށް ބަލާއިރު ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަކަކަށް ގަބޫލެއް ނުކުރެވެ އެވެ،" ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަޔާނުގައިވެ އެވެ.
ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ދަށު ކޯޓުގައި ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑާކުރުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.