މެންބަރު ހުސައިން މުހައްމަދު ލަތީފް

76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައު މިމަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.

ނައިބް ރައީސް ހުސައިން ވިދާޅުވީ އާންމު ސިއްހީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމަށެވެ.

"ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތާވަލް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިއްމު ވަޢުދެއްވެސްމެ،" ނައިބް ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއް ނެތް ހަތަރު ރަށެއްގައި އިއްޔެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ މެއި މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީއެންމެ އަވަހަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.