އައިޖީއެމްއެޗް

25 ބުރީގެ ދެ އިމާރާތް އަޅަން މާދަމާ ސޮއި ކުރަނީ

  • ސޮއިކުރުން އޮތީ މާދަމާ ހަވީރު
  • އަޅަނީ ފިނޭންސް އާއި އައިޖީއެމްއެޗްގެ އިމާރާތް
  • މިއީ ރާއްޖޭގައި އަޅާ 25 ބުރީގެ ފުރަތަމަ ދެ އިމާރާތް

މާލޭގައި އަޅާ 25 ބުރީގެ ފުރަތަމަ ދެ އިމާރާތު އެޅުމުގެ މަސައްކަތް މާދަމާ ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖައްސައިފި އެވެ. މާދަމާ ސޮއި ކުރާ ދެ އިމާރާތަކީ އައިޖީއެމްއެޗްގެ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރާއި ފިނޭންސް މިނިސްޓްރީގެ އާ އިމާރާތެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ހޮޓެލް ޖެންގަ އެވެ.

އައިޖީއެމްއެޗުގައި ޑައިގްނޮސްޓިކް ސެންޓާއެއް ހިމެނޭ ގޮތަށް އަޅާ 25 ބުރީގެ އިމާރާތް އަޅަން ހަވާލުކުރަން ނިންމާފައިވަނީ، ސިންގަޕޫރުގެ ޗުން ހުއާ ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އިމާރާތް އަޅަން ނިންމާފައިވަނީ ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ. ސަރުކާރުން 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅަން ނިންމާފައިވާ އެ އިމާރާތަކީ ހަމައެކަނި ޑައިގްނޮސްޓިކް ސެންޓާއެއް ނޫނެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތް ވެސް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ. ޑައިގްނޮސްޓިކް ސެންޓަރުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އިމާރާތުގެ ހަ ފްލޯ އެވެ.

މިހާރު ހުރި އިމާރާތާއި ގުޅިފައި ހުންނަ ގޮތަށް ޕާކިން ލޮޓް އޮތް ބިމުގައި އަޅާ އިމާރާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ އައިޖީއެމްއެޗްގެ އެނދު ގިނަކުރުމެވެ. އެގޮތުން އެ ޕްރޮޖެކްޓް ނިމޭއިރު 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވާނެ އެވެ. އާ އިމާރާތް ޗުން ހުއާ ކުންފުންޏާ ހަވާލުކުރީ، ހުޅުވާލި ބީލަމެއްގެ ތެރެއަކުންނެއް ނޫނެވެ. އެއީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމި ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދައިގެން ހަމަޖެއްސި ފަރާތެކެވެ. އެ ކުންފުންޏަށް ފައިސާ ދައްކައި ހަލާސްކުރަންޖެހެނީ ތިން އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމަށް 122 މިލިއަން ޑޮލަރަށް ހަވާލުކުރަން ނިންމާފައިވަނީ މެލޭޝިއާގެ ޑަބްލިއު ޒެޑް އާރް ގުރޫޕް ކޮމްނީޒްއާ އެވެ. މި އިމާރާތުގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ އިމާރާތެއް ނޫނެވެ. މެލޭޝިއާގެ ޑަބްލިއު ޒެޑް އާރް ގުރޫޕް ކޮމްނީޒްއަށް ސަރުކާރުން ފައިސާ ދައްކަން ހަމަޖެހިފައި ވަނީ 20 އަހަރަށް ބަހާލައިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އަޅަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުންނަ އިމާރާތުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ހުރި ދެ އިމާރާތް ތަޅާލުމަށް ފަހު އެވެ. އެއީ 32،000 އަކަފޫޓުގެ ބިމެކެވެ.