ޣައްސާން މައުމޫން

އިންޑިއާ ކަނޑުގެ ސަލާމަތަށް ރައީސް އިސްކަންދެއްވާ: ޣައްސާން

އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިއާ، ސްރީލަންކާ އަދި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ "ދޯސްތީ އެކްސަސައިޒް" އިފްތިތާހް ކޮށްދެއްވުމަށްފަހު މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ގައުމުތައް ގުޅިގެން އަޅަންޖެހޭ ކަމަށެވެ.

އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ރައީސް ޑރ. މުއިއްޒު ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.

"ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސަރަޙައްދީ ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކްސަސައިޒް ދޯސްތީ އެންމެ ފުރަތަމަ 1991 ވަނަ އަހަރު ފެށީ ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތެެއްގެ ގޮތުގައެވެ. މިހަރަކާތާ ލަންކާ ގުޅުނީ 2012 ވަނަ އަހަރު އެވެ.

މި އެކްސަސައިޒްގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާ ކަނޑުގައި ހިނގާ ހާދިސާތަކުގައި ސަލާމަތްތެރިކަން ބޭނުންވާ މީހުން ހޯދައި އެމީހުންނަށް ބޭނުންވާ އަވަސް ފަރުވާ ދިނުމާއި، ކަނޑުފޭރުމުގެ ހާދިސާތަކުގައި ރައްކާތެރިކަން ދިނުމާއި ކަނޑުމަތީގައި އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެ އެވެ.