މޯލްޑިވްސް ޕޮލިސް ސާވިސް

ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާ 15 ދުވަހަށް ބަންދަށް

ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މިމައްސަލައިގައި މިމަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކުރި މީހާ ވަނީ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އެތައް ވައްތަރުތަކެއް ޖައްސާފަ އެވެ. އަދި އެ މަންޒަރުތައް ވީޑިއޯކޮށް އާންމު މީހަކު ވަނީ އެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ދުވާލުގެ ވަގުތުގައި އެ މީހާ ޕިކަޕެއްގައި ހުރެ ހަޑިހުތުރު ވައްތަރު ޖައްސަމުން އޭނާ ލައިގެން ހުރި ފަޓުލޫނު ވެސް ބާލަ އެވެ.

މި މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.