އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ކުރިއަށް އޮތް ރޯދަ މަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.
އާސަރަހާ ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޕީއެންފީ މޯލްޑިވްސްއާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އިތުރު މުއްދަތު ދިނުމަށްފަހު އެއް މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކުރި އެވެ.
މިމަސައްކަތް ހަވާލުކުރީ ގިނަ ވެގެން ދެ މަސް ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން 4.9 މިލިއަން ރުފިޔާ އަށެވެ.
އެއްބަސްވުން ބާތިލްކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ ވަނީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.
އާސަހަރާ މިސްކިތުގައި ކުރަމުން އަންނަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ހެދުމާއި އަދި ހިނަވާގެއެއް ހެދުން ހިމެނެ އެވެ.
އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަނީ ބީސިކްސް އިންވެސްޓްމަންޓުންނެވެ. ކުރީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނައުމަށްފަހު ބީސިކްސްއަށް މަސައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާ އަށެވެ.
ރޯދަ މަސް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް 11 ވަނަ ދުވަހު އެވެ. އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާތީ މިވަގުތު މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަނީ ހުޅުމާލެ ސަހަރާގައެވެ.