އެމްޑީޕީ

އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "މިސްރާބު ހަމަ މަގަށް" ކެމްޕޭންގެ މައުލޫމާތު ހާމަކުރަން އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕޭންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އިންތިހާބަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ހައްދުފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ.

އެގޮތުން ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި ބައެއް ރަށްރަށުގައި ފެނަކަ ސްޓޭޝަންގައި މި ވަގުތު އިސްކޮށް މި ސަރުކާރުން ލައިފައި ތިބި ބޭފުޅުން އެ ތަންތަނުގެ މުވައްޒަފުންނަށް ކޮށްފަ ހުރި މެސެޖުތައް އެބަހުރި ކެންޑިޑޭޓް ވަޑައިގަންނަވާ ދުވަހު ނިކުންނަން މަޖުބޫރުކޮށްފަ ހުރި މެސެޖު އެބަހުރި،" އީސާ ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބަށް އެސްއެމްއީ ލޯނު ބަހަމުން ގެންދާ ކަމަށާއި ވަޒީފާތައްވެސް ދެމުންގެންދާ ކަމަށް އޭނަ ވިދާޅުވި އެވެ.