ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ތެރެއިން އަލަށް ހަދާފައިވާ ރަންވޭ އަނެއްކާވެސް ބޮޑުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އާ ރަންވޭގެ ގޮތުގައި ހަދަން ނިންމާފައި އޮތީ 2.24 ކިލޯމީޓަރުގެ ރަންވޭ އެކެވެ. މި ރަންވޭގެ 1.4 ކިލޯމީޓަރުގެ މަސައްކަތް ނިންމާ މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ވަނީ ބޭނުންކުރަން ފަށާފަ އެެވެ.
ހަނިމާދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ފައިސާ ދުކުރާ ފަރާތާ ވާހަކަދައްކައިގެން އާ ރަންވޭ ބޮޑުކުރަން އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ތުހުމަތުކުރެއްވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ފެށި ނަމަވެސް މިއީ މަޝްރޫއަށް ހޭދަކުރާ ފައިސާއާއި އަޅާބަލާއިރު އަސްލު އަގަށްވުރެ ކުޑަކޮށް ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރި ނަމަވެސް އެ ސަރަހައްދަށް ފައިދާ ވާނީ 8،000 އެނދާ އެކު ޓޫރިޒަމް މަޝްރޫއެއް ހިންގައިގެން ކަމަށެވެ. އެފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ބަލާއިރު 2.24 ކިލޯމީޓަރުގެ ރަންވޭ އަކީ އެންމެ އެކަށީގެންވާ ރަންވޭއަކަށް ނުވާނެ ކަމަށެވެ.
"ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން [އެއީ އަޅުގަނޑު ބޭނުންވާ ގޮތް]،" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ފައިސާ ދެނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓާރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯ މީޓަރު ހުންނާނެ އެވެ. އަދި އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.