އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލް ޑޮމެސްޓިކް ރޭޓުގައި ދައްކާ ގޮތަށް ލުއިދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލު ގެންނެވީ ކައުންސިލްތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓް ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.
"މިބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި އިގްތިސާދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ސަރުކާރު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ސިޔާސަތާ ގުޅޭގޮތުންވެސް ބައެއް މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.
އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްގީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީ ވާނީ އުތުރު ތަރައްގީގެ މައި ހަބުގެ ގޮތުގައި ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެއާޕޯޓް ފެންވަރު މަތިކުރުމާއި، އެސިޓީގެ ޕޯޓް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމާއި، ސިއްހީ ހިދުމަތް ތަރައްގީކުރުން ފަދަ އެ ސިޓީގެ ތަރައްގީއަށް ރޭވިފައިވާ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަދެއްކެވި އެވެ.