މަސްވެރިން

މަސްވެރިންނަށް އިތުރު 35 މިލިއަން ރުފިޔާ ޖަމާކޮށްފި

މަސްވެރިންނަށް އިތުރު 35 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

މިފްކޯގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އެންމެ ފަހުން ޖަމާކުރި 35 މިލިއަން ރުފިޔާ އަކީ މިދިޔަ ހަފްތާގައި މަސްވެރިންގެ ބަޔަކު ކޫއްޑޫގައި މުޒާހަރާކުރުމާ ގުޅިގެން އިއްޔެގެ ނިޔަލަށް ސަރުކާރުން ޖަމާކޮށްދޭން އެއްބަސްވި 100 މިލިއަން ރުފިޔާގެ ތެރެއިން ބައެއް ކަމަށެވެ.

ސަރުކާރުން އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން އެއްބަސްވީ 100 މިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން ޖަމާކުރި 35 މިލިއަން ރުފިޔާ އާއި އަދި މިދިޔަ ހަފްތާ ޖަމާކޮށްދިން 70 މިލިއަން ރުފިޔާއާ އެކު މިފްކޯ އިން މިހާރު ވަނީ މަސްވެރިންނަށް ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ.

"އެހެންވީމާ ސަރުކާރުން އެއްބަސްވި ގޮތަށް މަސްވެރިންނަށް ފައިސާ ދެމުން މިދަނީ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ،" މިފްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

ދެކުނު ބައެއް މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރީ މަސްވެރިންނަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ބުނެ އެވެ. ސަރުކާރުން ވައުދުވީ ކުރިއަށް އޮތް މާޗް ފަސްވަނަ ދުވަހުގެ ކުރިން މިހުރިހާ ފައިސާއެއް މަސްވެރިންނަށް ޖަމާކޮށްދިނުމަށެވެ. އަދި އޭގެފަހުން ކޮންމެ ހަފްތާއަކު އެއް ފަހަރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ އިތުރަށް ފަސްނުކޮށް ދިނުމަށްވެސް ސަރުކާރުން އެއްބަސްވެފައިވެ އެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 20 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެމަނިކުފާނު ވަނީ މަސް ކިލޯއެއް 25 ރުފިޔާއަށް ގަތުމަށް ނިންމާ އެކަން އިއުލާންކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 600 މިލިއަން ރުފިޔާ މިސަރުކާރުން މަސްވެރިންނަށް ދީފައިވާ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.