( 26 ފެބްރުއަރީ 2024 އާ ގުޅޭ )
"މިސް މާޔާ." ކަރުދާސް ހިފަހައްޓައިގެން ހުރި އަންހެންކުއްޖާ ބުނެލި އެވެ.
"ޝާހީން." އެރައިވަލް ގޭޓުން ނުކުމެގެން އައިސް މަޑުކޮށްލި ޒުވާން އަންހެންކުއްޖާ ބުނެލީ ކުރިމަތީ ހުރީ ކާކުކަން ޔަގީންކުރާ ފަދައިންނެވެ.
"ލައްބަ. ވެލްކަމް... މިކޮޅުގައި ކޮމްޕެނީގެ ކާރު އޮންނާނީ. ދުރުވޭ." ފުޅާ ހިނިތުންވުމަކާއެކު މާޔާއަށް މަރުޙަބާ ކިޔުމާއެކު ޝާހީންގެ އަތުގައި އޮތް މާބޮނޑި ދިއްކޮށްލި އެވެ. އަދި ދާންވީ މިސްރާބަށް އިޝާރާތްކޮށްލި އެވެ.
މާޔާ ގޮވައިގެން ޝާހީން އައިސް މަޑުކޮށްލި އެއްފަރާތުގައި އޮތް ކަޅުކުލައިގެ އޮފުއަރާ ނިސާން ކާރު ކައިރިއަށެވެ. ކުންފުނީގެ ކާރު ދުއްވަން އައްޔަންކޮށްފައި ތިބި ދެ ޑްރައިވަރުންގެ ތެރެއިން އެވަގުތު ޑިއުޓީގައި ހުރީ ޒުވާން ފިރާޝް އެވެ. ކުރީ ސީޓަށް ޝާހީން އެރި އިރު މާޔާ އިނީ ފަހަތުގަ އެވެ. ކާރު ދުއްވާލުމުގެ ކުރީން ރީޖަނަލް ޑިރެކްޓަރުގެ ގޮތުގައި ކުންފުންޏާ ގުޅުނު މާޔާއަށް ފިރާޝް މަރުޙަބާ ކިޔެވެ. އަދި ޑިރެކްޓަރާއެކު ރަސްމީ ދަތުރުތަކުގައި ޑްރައިވަރެއްގެ ގޮތުގައި އޭނާއާ ގިނަގިނައިން ބައްދަލުވާނޭކަން ބުނެލީ ސަމާސާ ރާގެއްގަ އެވެ. މުވައްޒަފުންގެ ހިތްހެޔޮކަން މާޔާ ބަލައިގަތީ ލުއި ހިނިތުންވުމަކާއެކު އެވެ.
"މޭމް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ރަސްމީކޮށް މޭމް އޮފީހަށް ނުކުންނަވާނީ މާދަމާ... ސޯ... މިހާރު ހުޅުމާލެއަށްތޯ ދާންވީ. ދިގު ދަތުރަކަށްފަހު އަރާމުކޮށްލަން ބޭނުންވާނެކަން އެނގޭ." ފިރާޝް ކާރު ދުއްވާލި ހިނދު ޝާހީން ވާހަކަދެއްކި އެވެ.
ޝާހީނަށް ޖަވާބެއް ދިނުމުގެ ގޮތުން މާޔާ ހޫން ލައްވާލަމުން ބޯޖަހާލީ އެވެ. އަދި އޭނާ ފަހަތު ސީޓުގައި ހަމަޖެހިލައި ދެ ލޯ މަރާލި އެވެ. ކާރު ދުއްވަމުން ދިޔަ މަގަށާއި އެ މާހައުލަށް ސަމާލުކަމެއް ދޭން އޭނާ ބޭނުންނުވާ ކަހަލަ އެވެ. މަންޒިލާ ހަމައަށް ދެވެންދެން ލޯ މަރާލައިގެން އިންނަން މާޔާ ގަސްދުކުރީ އެހެންވެ ކަހަލަ އެވެ. ނަމަވެސް އެ ހިމޭންކަމުގައި ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ސީޓު މަތީ ކައިރީގައި ބަހައްޓާލާފައިވާ އަތްދަބަހުގެ ތެރެއިން މާޔާގެ ފޯނު ރިންގުވާން ފެށީ އެވެ. ހަށިގަނޑު ސީދާކޮށްލައި އަތްދަބަސް ތެރެއިން ފޯނު ނަގައި އޭނާ ބަލާލި އެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. އަންނަމުން ދިޔަ ކޯލަށް ޖަވާބު ދޭން އަވަސްވެލި އެވެ.
"ހެލޯ." ކަންފަތުގައި ފޯނު ޖައްސާލުމާއެކު މާޔާ ބުނެލި އެވެ.
"މާޔާ... ސަލާމަތުން ދެވިއްޖެ ދޯ." ފޯނުގެ އަނެއްކޮޅުން އިވިގެން ދިޔައީ ފިރިހެން އަޑެކެވެ.
"ޔެސް. ކާރުގައި މިހާރު މިއިނީ." މާޔާ ހިނިތުންވެ އިނދެ ވާހަކަދެއްކި އެވެ.
"ރަނގަޅު. ގެއަށް ގޮސް އަރާމުކޮށްލާ. އަމިއްލަ މީހާއަށް ބަލައިގެން އުޅޭން ހަނދާންނައްތާ ނުލާތި. އޮފީހަށް ނުކުތަސް މާ ބުރަކަށް ނޫޅެއްޗޭ. އެނގެއެއްނު ތިކުއްޖާއަށް ކަމެއްވެއްޖެއްޔާ އަހަރެންނަށް ހާޓްއެޓޭކެއް ޖެހިދާނޭކަން." ޒުވާނާގެ އަޑުގައި ސަމާސާކަން އެކުލެވިފައި ވިއެވެ. މާޔާއަށް ހީނލެވުނެވެ.
"އޯކޭ. އޯކޭ... ތިވަރަށް ވޮރީ ނުވެބަލަ. އަދި މަސައްކަތަށް ނުކުތީއެއް ވެސް ނޫން. މިއަދު..." ފޯނުގައި އިން މާޔާ ނުހަނު ބޮޑަށް ސިހުނީ ކުއްލިއަކަށް ކާރުގެ ބުރެކި ޖެއްސުމުން އޭނާ ކުރިޔަށް އެއްލިގެން ދިޔައީތީ އެވެ. އެހިނދު އަތުގައި އޮތް ފޯނު ވެސް ދޫވެއްޖެ އެވެ.
"ކިހިނެއްވީ؟." މާޔާއަށް ވަގުތުން ބަލާލެވުނީ ކާރު ދުއްވަން އިން ފިރާޝް އަށެވެ.
"ކުރީގައި އޮތް ކާރު ކުއްލިއަކަށް މަޑުކުރީމަ. ހީވަނީ ކާރަށް ކަމެއް ދިމާވީހެން." ފިރާޝް ބުންޏެވެ.
މާޔާ ފޯނު ހޯދާލީ ދެނެވެ. ކާރުތެރެއަށް ވެއްޓުނު ފޯނުން އެ ޒުވާނާގެ އަޑު އިވިއިވި ހުއްޓެވެ. އަވަސް އަވަހަށް ފޯނު ނަގައި މާޔާ ހެލޯއޭ ބުނެލި އެވެ.
"ކިހިނެއްވީ މާޔާ؟. ރަނގަޅުތަ ހުރިހާކަމެއް؟. މާޔާ. މާޔާ... އެބަހުރިންތަ؟. އަޑު ލިބޭތަ ސާފުކޮށް." އެ ޒުވާނާގެ އަޑުގައިވީ ހާސްކަމާއި ކަންބޮޑުވުމެވެ.
"މޭމް. ތަދުވިތަ؟." ޝާހީން ވެސް ފަސްއެނބުރި މާޔާއަށް ބަލަން އިނދެ އަހާލި އެވެ. އެހިނދު ޝާހީނަށް ބަލާލަމުން މާޔާ ތުންފަތުގައި ޝާހާދަތް އިނގިލި ޖައްސާލީ ކަމެއް ސިއްރުކުރާން އެދޭ ފަދައަކުންނެވެ. އަދި އޭނާ ކަންފަތުގައި ޖައްސާލި ފޯނުން ވާހަކަދައްކަން ފެށި އެވެ.
"މާބޮޑުކަމެއް ނުވޭ. ކާރު ބުރެކި ޖެއްސި ވަގުތު ނުވިސްނާ އިނދެވުނީތީ ފޯނު އަތުން ދޫވީ. ޑޯންޓް ވޮރީ." މާޔާ ހަމަޖެހިފައި އިންކަން ދައްކަމުން ވާހަކަދެއްކި އެވެ.
"އަހަރެން ކައިރީގައި ނެތިސް އަހަރެން ކަންބޮޑުވާވަރު ކަމެއް ނުކުރައްޗޭ. ބަލައިގެން އުޅެއްޗޭ. ޕްލީޒް." އެ ޒުވާނާގެ އަޑުގައި ހަޤީޤީ ކަންބޮޑުވުން ވިއެވެ.
"އަހަރެންނަށް އެނގޭ ތިކޮޅުން ކިހާއިރެއްކަން މިހާރު ވާނީ. އަހަރެން ސަލާމަތުންނޭ މިހުރީ. ދެން ފޯނު ބާއްވާފައި ނިދަން އުޅޭ. އެހެންނޫނީ މާދަމާ ހެނދުނު ނުހޭލެވިދާނެ." މާޔާ ބުންޏެވެ.
"އޯކޭ... މްމްމް... މާޔާ. އައި މިސް ޔޫ." އެ ޒުވާނާގެ އަޑުގައި މިފަހަރު ތަފާތުކަމެއް ވިއެވެ.
"އައި މިސް ޔޫ ޓޫ. ގުޑްނައިޓް." މާޔާ ނިކަން ފަސޭހައިން ބުނެލުމާއެކު ފޯނުކޯލު ނިންމާލި އެވެ. އަތްދަބަހުގެ ތެރެއަށް ފޯނު ލާފައި އޭނާ ފިރާޝްއަށް ބަލާލީ ކާރު ކުރިޔަށް ދުއްވާނުލާ ގިނައިރުވާތީ އެވެ. ހުޅުމާލޭގެ އެ މަގުގެ ދެ ފަރާތުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ސަބަބުން ކުރިޔަށް އޮތް ކާރުން ނައްޓާފައި ދެވޭނެހާ ޖާގައެއް މަގުގައި ނެތެވެ. ފަހަތަށް ޖަހަން އުޅެފައި ފިރާޝް ގަސްދުކުރީ ވެގެން އުޅޭ ގޮތެއް ބަލައިލާށެވެ.
"އަންނާނަން ބަލާލާފައި." ކާރުގެ ދޮރުފަތް ހުޅުވާލަމުން ފިރާޝް ބުންޏެވެ.
ޝާހީން ވެސް ފިރާޝްއާއެކު ކާރުން ފޭބި އެވެ. ކާރުގެ ކުރީ ބިއްލޫރިގަނޑުން މާޔާއަށް ކުރިމަތީ އޮތް ކާރު ފެނެ އެވެ. އޭނާ ހާސްވީ އެ ކާރުން ދުން އަރާތަން ފެނިފަ އެވެ. އަވަސްއަވަހަށް މާޔާ ކާރުން ފައިބައިގެން އައެވެ. މަގުގެ ވައަތް ފަރާތުގައި ހުރި ކެފޭގައި ތިބި މީހުންނަށް ވެސް ކާރުން ދުން އަރާތަން ފެނި ސަމާލުކަމަށް އަތުވެއްޖެ އެވެ. މަޑުމަޑުން މީހުން އެއްވާންފެށި އެވެ. ޑްރައިވަރު ކާރުގެ ބޮނެޓް ހުޅުވައިގެން އުޅޭތަން މާޔާ ދުށްޓެވެ. އޭރު އެ ދިމާގައި ފޯނެއްގައި ހުރި މީހާ ފެނި މާޔާގެ ފިޔަވަޅު މަޑުޖެހިލި އެވެ. ފުރަގަސްދީގެން ހުއްޓެއްކަމަކު އެއީ ކާކުކަން މާޔާއަށް އެނގުނީ ކަހަލަ އެވެ. ކުރިޔަށް އެންމެ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި މާޔާ އަވަސްއަވަހަށް ގޮވާލީ ޝާހީން އަށެވެ.
"ފިރާޝް ކައިރީ ބުނޭ ކާރު ފަހަތަށް ޖަހައި އެހެން މަގަކުން ދާން." މާޔާ ބުނެލި އެވެ. ޝާހީން އަވަސް އަވަހަށް ލައްބައޭ ބުނެފައި ހުއްޓިފައި އޮތް ކާރުގެ ބޮނެޓް ކައިރީ އުޅުނު ފިރާޝްގެ ކައިރިޔަށް ދާން ހިނގައިގަތެވެ.
ފޯނުގައި ހުރި މީހާއަށް ފެނުމުގެ ކުރީން މާޔާ އެނބުރިލީ ކާރަށް އަރަން ދާށެވެ. ނަމަވެސް ހުއްޓިފައިވާ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލީ އެވަގުތެވެ. ކާރު ކައިރީ ހުރެވުނީތީ ހުޅުވާލި ދޮރުފަތުން ޖެހުނީ މާޔާގެ ގައިގަ އެވެ. އޭނާ ދޮރުފަތުގައި ހިފަހައްޓާލީ ހަށިގަނޑުގެ ހަމަގެއްލިދާނޭ ހީވެގެންނެވެ. އިންތިހާއަށް މާޔާ ހާސްވިކަން އެ މޫނުން ފާޅުވާން ހުއްޓެވެ.
"ހިމްމިބޭ." ކާރުން ފޭބި ކުޑަ ފިރިހެންކުއްޖާ ގޮވާލި އެވެ.
އެ މައުސޫމް އަޑަށް މާޔާގެ ސަމާލުކަން ދެވުނީ ބޭއިޚްތިޔާރުގަ އެވެ. އެ ކުޑަ ފިރިހެންކުއްޖާގެ ސޫރަ ފެނި ލިބުނު ސިހުމުގައި މާޔާގެ ދެތުންފަތް ފޫ އަޅުވާލީ މަޑު އާހެކެވެ. ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވި ފަދަ އެވެ. ފަސޭހަވެ ލަކުނަށްވެފައިވީ ލަކުނެއްގައި ރިހެންފެށި ފަދަ އިޙްސާސެއް މާޔާއަށް ކުރެވިގެން ދިޔަ އެވެ.
"މިޔާ..." ފޯނުގައި ހުރި ޒުވާނާއަށް ކުޑަ ފިރިހެން ކުއްޖާގެ އަޑު އިވި އެ ދިމާއަށް ކައިރިވެލި ހިނދު ފެނުނު ސޫރައިން ހުއްޓުން އެރި އެވެ.
"ކާރު ހަލާކުވީތަ؟." މާޔާއައި އެ ދެބައިއުމުރުގެ ފިރިހެން މީހާއާ ދެމީހުން އެކަކުއަނެކަކަށް ބަލަން ތިބި ވަގުތު ކުޑަ ފިރިހެންކުއްޖާ އަހާލި އެވެ.
"ކީއްވެ ކާރުން ފޭބީ. ބޭބެ ނުބުނަންތަ ކާރުން ނުފައިބާށޭ." ކުޑަ ފިރިހެންކުއްޖާގެ އަތުގައި ހިފައި އަލުން ކާރަށް އަރުވަން އެމީހާ އުޅުނެވެ.
މާޔާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ދުވަމުން ކަހަލަ ގޮތަކަށް އައިސް އަވަހަށް ކާރަށް އެރީ އެވެ. އޭނާއަށް މޫނުގައި ދެ އަތް އަޅާލެވުނެވެ. މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލި އެވެ. ސިކުނޑިއަށް ސިފަވެގެން އައި ސޫރަ ފުހެލަން އޭނާ މަސައްކަތް ކުރި އެވެ.
"މޭމް." ކާރަށް އަރަން އުޅުނު ޝާހީންއަށް މާޔާ އިން ގޮތް ފެނި ގޮވާލެވުނެވެ.
"ފިރާޝް ކައިރީ ބުނެފިންތަ؟." ނުހަނު އަވަހަށް މާޔާގެ ނަފްސު ހަމައަކަށް އަޅުވާލައި މޫނުމަތިން އަތް ނެގުމާއެކު ވާހަކަދެއްކި އެވެ.
"ލައްބަ." ޝާހީނަށް މިހެން ބުނެވުނު އިރު ފިރާޝް އައިސް ކާރަށް އެރީ އެވެ.
މާޔާ ސީޓުގައި ލެނގިލުމާއެކު ފެންނޭވާއެއް ދޫކޮށްލި އެވެ. އަދި އޭނާ ދެ ލޯ މަރާލީ ނަފްސުގެ ހަމަޖެހުން ގެއްލިފައިވާ މީހަކު ފަދައިންނެވެ. ކާރުގެ ދުވެލި މަޑުވެ ޝާހީން ގޮވާލަންދެން މާޔާ އިނީ އެގޮތުގަ އެވެ. އޭނާ ލޯ ހުޅުވާލިއިރު ކާރު މަޑުކޮށްލާފައި ވަނީ އެޕާޓްމެންޓް ހުރި އިމަރާތުގެ ކައިރީކަން ފާހަގަވި އެވެ.
"މާދަމާ ހަތްގަޑި ބަޔަށް އަޅުގަނޑު އަންނާނަން މޭމް ބަލާ." މާޔާ ކާރުން ފޭބުމުގެ ކުރީން ފިރާޝް ބުނެލި އެވެ.
"އޯކޭ. ތެންކިޔު." ލުއި ހިނިތުންވުމަކާއެކު މާޔާ ބުނެލި އެވެ.
ކާރުން ފައިބާ އިމާރާތުގެ ތެރެއަށް މާޔާ ވަންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ފޮށިތައް ހިފައިގެން ފިރާޝްއާއި ޝާހީން އައެވެ. ދިހަ ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ކޮންމެ އެޕާޓްމެންޓަކީ އެކި މީހުން ގަނެފައި ހުރި އެޕާޓްމެންޓް ތަކެވެ. ހަތްވަނަ ފަންގިފިލާއަށް އައުމަށް ޓަކައި ލިފްޓުގައި ހުރި މާޔާގެ ޚިޔާލުތައް މާޒީއަށް ދަތުރުފެށި އެވެ. އެ ހަނދާންތަކުން އަދިވެސް އޭނާގެ ހިތުގައި ރިހެ އެވެ. ދެ ލޯ ފެންކަޅިވެ އެވެ.
"އިޓްސް އޯވާރ." އަމިއްލަ ނަފްސަށް އިވޭނޭހާ މަޑުމަޑުން މާޔާ ބުނެލި އެވެ.
ހަތްވަން ފަންގިފިލާގައި ހުރި އެޕާޓްމެންޓްގެ ބެލް އަޅާލުމާއެކު ދޮރު ހުޅުވީ އަންހެން ކުއްޖެކެވެ. އޭނާއަށް މާޔާ ފެނުމާއެކު އުފަލުން ފުންމައިގަތީ ހަޅޭލަވަމުންނެވެ.
"މިޔާ..." އަޑުގެ ނެތްނަމަ އޭނާ މިހެން ބުނެ މާޔާގެ ގައިގާ އޮޅުލައިގަތެވެ. މާޔާ ވެސް ހޭންފެށި އެވެ.
"ނާނު... ދެން ދޫކޮށްލަބަލަ." މާޔާ ހެމުން ބުނެލި އެވެ. އެހެންވިޔަސް އެ އަންހެންކުއްޖާ މާޔާގެ ގައިން ދޫކުރާކަށް ބޭނުމެއްނުވި އެވެ.
"އެއްކޮށްތަ މިކޮޅަށް ތިއައީ. ބުނޭ... އަހަރެންނަށް ދެން ނުގެއްލޭނެއޭ." އެ އަންހެންކުއްޖާ ވާހަކަދެއްކި އެވެ.
"ފައިނާން. ޕްލީޒް... އާން. މިއައީއޭ... ދެން ދިއުމުގެ ވިސްނުމެއްނެތް. ހެޕީތަ؟. ދެން އަހަރެން ނޭވާލާން ދޫކޮށްލަބަލަ." މާޔާ ބުންޏެވެ. އެއާއެކު ނިކަން އަވަހަށް މާޔާގެ ގައިން ފައިނާން ދޫކޮށްލައިފި އެވެ.
މާޔާގެ އަތުގައި ހިފައިގެން ހުރެ ފައިނާން އައިސް އިށީނީ ދޮރުން ވަންނަ އިރު ފެންނަން އޮންނަ ތަނަވަސް ސިޓިންރޫމުގައި ހުރި ސޯފާތަކުން ސޯފާއެއްގަ އެވެ. ހަމަ އިށީން ގޮތަށް އޭނާ ދެ ލޯ ފުހެންފެށީ ރޮވެންފެށީމަ އެވެ. މާޔާ އަވަސްއަވަހަށް ފައިނާންގެ ދެ އަތުގައި ހިފަހައްޓާލި އެވެ. އަދި އޯގާތެރިކަމާއެކު އޭނާގެ ދެ ލޯ ފުހެދެމުން ބޯ ހޫރާލީ ނުރޯށޭ ބުނާ ފަދައިންނެވެ.
"އައި ހޭޓް ޔޫ. އެނގޭތަ އަހަރެން ކަންބޮޑުވީވަރު. ކީއްވެ ގުޅާނުލީ. އަހަރެންނާ ވަކިވީ ގޮތަށް މިޔާ އުޅުނީ ކޮންތާކު ކިހިނެއްކަމެއް ބުނެނުލި. ހަފްތާއެއް ކުރީން ގުޅާލާފައި އަހަރެންނަށް ނާނު ކައިރީ ހުރެވިދާނެހޭ އަހާލި އިރު އެނގޭތަ އަހަރެން ހުރީ މިޔާގެ ޚަބަރެއްނުވެގެން މޮޔަވާވަރުވެފައިކަން. ޔޫ... ވަރަށް ސެލްފިޝް." މާޔާގެ ކޮނޑުގައި ހިފައި ކޮށްޕާލާފައި އަނެއްކާ ވެސް އޭނާގެ ގައިގާ ފައިނާނު ބައްދާލި އެވެ.
"ޔޫ އާ މައި ސޯލް ސިސްޓަރ." ފައިނާނު މަޑުމަޑުން ބުނެލި އެވެ.
"ތެންކިޔު ނާނު. ތެންކިޔު ފޯ އެވްރިތިންގް. އަހަރެންނަށް ކަންތައް ކުރެވުނު ގޮތާމެދު މަޢާފުކުރޭ. އަހަރެން ކަހަލަ އަމިއްލަ އެދުން ބޮޑު މީހަކަށް ތިކަހަލަ ރަނގަޅު އެކުވެރިޔެއް ލިބުނީތީ ޝުކުރުވެރިވަން. މުޅިއަކުން އަހަރެން ނަސީބު ދެރައެއްނުވި. ގައިމު ވެސް ނަސީބެއްނެތްނަމަ ނާނުއާ ދިމައެއް ނުވީސް. ދެން ނުރޮއެ ބަލަ. މީ ހެޕީވާންވީ ވަގުތެންނު. މިހާރު މިހުރީ އައިހެންނު. ނާނުއަށް އެއްވެސް ކަމެއް ނުކިޔާދޭކަށްނޫން. އޭރު އަހަރެންގެ ނަފްސު ތައްޔާރު ނޫނީ." ފައިނާނު ދުރަށް ޖައްސާލަމުން މާޔާ ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
(ނުނިމޭ)