ބޮލީވުޑް

އޮސްކާ އެވޯޑަށް ޕްރިޔަންކާ 8 މިލިއަން ޑޮލަރުގެ ގަހަނާ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ، އެމެރިކާގެ ޓީވީ ޝޯ "ކުއަންޓިކޯ" ކުޅެން ފެށި ހިސާބުން އޭނާގެ މަޝްހޫރުކަން ދުނިޔޭގައި ވަނީ އެތައް ގުނައެއް ބޮޑުވެގެން ގޮސްފަ އެވެ.

"ކުއަންޓިކޯ"ގެ އިތުރުން ހޮލީވުޑްގެ އެހެނިހެން ޕްރޮޖެކްޓްތަކުގައިވެސް މިހާރު ހަރަކާތްތެރިވަމުން އަންނަ ޕްރިޔަންކާ ވަނީ އިއްޔެ ބޭއްވި އޮސްކާ އެވޯޑް ހަފްލާގައިވެސ ބައިވެިރވެފަ އެވެ.

މަޝްހޫރު ޑިޒައިނަރު ޒުހަރު މުރާދުގެ ވަރަށް ރީތި ހުދުކުލައިގެ ގައުންއެއްގައި ޕްރިޔަންކާ އޮސްކާ ރެޑް ކާޕެޓްގައި ހިނގާލާފައިވާއިރު، އޭނާ ވަނީ ބެސްޓް އެޑިޓިން އެވޯޑް ވެސް ހަވާލުކޮށްފަ އެވެ.

އޮސްކާގެ 88ވަނަ އެވޯޑް ހަފްލާގެ ތެރެއިން އެންމެ ގިނައިން ދެވަނަ އަށް ޓްވިޓާއިން ހޯދާފައިވާ ތަރިއަކަށް ޕްރިޔަންކާ ވެގެން ގޮސްފައިވާއިރު، އޭނާގެ އޮސްކާގެ ފުރަތަމަ ފެނިލުމާއެކު ވަނީ އެތައް ބައެއްގެ ހިތުން ޖާގަ ހޯދާފަ އެވެ.

އިއްޔެ ޕްރިޔަންކާ އޮސްކާ ރެޑް ކާޕެޓްގައި ރީތި ހެދުމެއްގައި ހިނގާލިއިރު، ގިނަބައެއްގެ ލޯތައް އޭނާއަށް ހުއްޓުނީ އޭނާ ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރެއްގެ ހެދުމަކަށް ވުމުންނެއް ނޫނެވެ. ޕްރިޔަންކާގެ އޮސްކާގެ ފުރަތަމަ ފެނިލުމަށް ވުރެން ބެލުންތެރިންގެ ލޯތައް ތަރަތަރަ ޖަހައިގެން ދިޔައީ އޭނާ ބޭނުންކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ ޑައިމަންޑް ގަހަނާގެ ސަބަބުންނެވެ.

އިއްޔެގެ އޮސްކާ އެވޯޑް ހަފްލާގައި ޕްރިޔަންކާ ވަނީ 8 މިލިއަން ޑޮލަރުގެ ޑައިމަންޑް ގަހަނާ ބޭނުންކޮށްފަ އެވެ. ޕްރިޔަންކާގެ ކަންފަތުގައިލާފައިވާ ޑައިމަންޑް އިއަރިންގްގެ އަގަކީ 3.5 މިލިއަން ޑޮލަރެވެ. އަދި އޭނާގެ ދެއަތުގައި އަޅާފައިވާ ހަތަރު އަނގޮޓީގެ ތެރެއިން އެއް އަނގޮޓި އަކީ 22 ކެރެޓުގެ ޑައިމަންޑް އަނގޮޓިއެކެވެ. އޭގެ އަގަކީ 3.2 މިލިއަން ޑޮލަރެވެ. އިތުރު ދެ އަނގޮޓިގެ ތެރެއިން 10 ކެރެޓުގެ ޑައިމަންޑް ޕިންކީ އަނގޮޓިގެ އަގަކީ 850 ހާސް ޑޮލަރެވެ. އަދި ތިން ލައްކަ ޑޮލަރުގެ އަގުހުރި، 8 ކެރެޓުގެ ބައިޕާސް ޑައިމަންޑް އަނގޮޓިއެއްވެސް ޕަރިޔަންކާ ވަނީ ބޭނުންކޮށްފަ އެވެ.

ހޮލީވުޑްގެ އެވޯޑް ހަފްލާތަކުގައި އަބަދުވެސ މަޝްހޫރު ތަރިން ބޭނުންކުރަ އަގުބޮޑެތި ޖަވާހިރުތަކުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެ އެވެ.

މިއަހަރުގެ އޮސްކާގައި އެންމެ އަގުބޮޑު ގަހަނާ ބޭނުންކޮށްފައިވަނީ ލޭޑީ ގާގާ އެވެ. ލޭޑީ ގާގާގެ ކަންފަތުގައިލާފައިވަ އެތީގެ އަގު އެކަނި 8 މިލިއަން ޑޮލަރަށް އަރަ އެވެ. އޭނާގެ އަތުގައި އަޅާފައިާ ޑައިމަންޑް އެންގޭޖްމަންޓް އަނގޮޓީގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.

އޮސްކާގެ އެވޯޑް ހަފްލާއަށްފަހު ބޭއްވުނު ޕާޓީގައި ބައިވެރިވުމަށްފަހު ޕްރިޔަންކާ ވަނީ މިއަދު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އޭނާގެ ދެވަނަ ހޮލީވުޑް ޕްރޮޖެކްޓް "ބޭވޮޗް"ގެ މަަންޒަރުތައް ނެގުމަށް މިއާމީ އަށް ފުރާފަ އެވެ.