ރައްޔިތުންގެ މަޖިލިސް

އިންތިހާބު ފަސްކުރާ ބިލާމެދު ގޮތެއް ނިންމުން މިއަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނު އިސްލާހުކޮށް މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގައި މިއަދު މެންދުރުފަހު 1:00 އަށް ތާވަލުކޮށްފައިވާ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ ވަނީ ހިމަނާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލެއް ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އަދި އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

އެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބިލު އަނބުރާ ފޮނުވާލީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަމަށް ބަންޑާރަނައިބު ލަފާ އަރުވާފައިވާތީ އެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް މަޖިލީހުން ވަނީ ގާނޫނު އިސްލާހުކޮށްފަ އެވެ.

ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލެއްވީ އެ ބިލު ތަސްދީގުކުރަން އިދިކޮޅު އެމްޑީޕީން ގޮވާލަމުން ދަނިކޮށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.