ރައްޔިތުންގެ މަޖިލިސް

މިސަރުކާރުގެ ފުރަތަމަ ހަ ބިލް މަޖިލީހަށް ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ފޮނުވި ހަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްތައް މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކުގެ ތެރޭގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ބިލު ހިމެނެ އެވެ.

މަޖިލީހަށް މިއަދު ތައާރަފުކޮށްފައިވާ ބިލުތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

މީގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ހުށަހަޅުއްވާފައިވާ އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ވަނީ މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 24 ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.