ސްޕޭނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުގެ ތާރީހު ހަމަޖައްސައފި އެވެ.
މި މެޗު ކުޅެން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
ސްޕޭނުގެ އެންމެ ވާދަވެރި ދެ ޓީމު މި މެޗަށް ނުކުންނައިރު ބާސެލޯނާ މިވަގުތު އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ. ރެއާލް މެޑްރިޑް އޮތީ ތިން ވަނާގަ އެވެ. ދެ ޓީމުގެ މެދުގައި އޮތް ފަރަގުގެ ތަފާތު 12 ޕޮއިންޓަށް ފުޅާވީ މިދޔަ ހަފުތާ ބަންދުގައި އެތްލެޓިކޯ މެޑްރިޑް އަތުން ރެއާލް 1-0އިން ބަލިވި މެޗަށް ފަހު އެވެ.
ރެއާލް މި މެޗަށް ތައްޔާރުވާއިރު މި ދެ ޓީމު މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ބަލިވީ 4-0އިންނެވެ. މި ނަތީޖާގެ ސަބަބުންނާއި އެނޫން ވެސް ސަބަބުތަކާހުރެ ރެއާލްގެ ކޯޗުކަމުން ރަފާ ބެނީޓޭޒް މިހާރު ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި ހަމަޖެއްސި ކޯޗު ޒައިނުއްދީން ޒިދާނަށް މި މެޗު ވެގެންދާނީ ވަރަށް ބޮޑު އިމްތިހާނަކަށެވެ. އެއީ ވާދަވެރި އެތްލެޓިކޯ އަތުން ވެސް ބަލިވެފައިވުމެވެ.
އެ މެޗަށް ފަހު ރެއާލްގެ ކުޅުންތެރިންގެ ކިބައިން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މައާފަށް އެދިފަ އެވެ. އެއީ އޭނާ އަށް ރަނގަޅަށް ނުކުޅެވުނު ކަމަށް ބުނެ އެވެ.