މާލޭގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް މަދުކުރުމުގެ ގޮތުން ކުރިން ބޭނުންކޮށްފައި ހުންނަ އުޅަނދުތައް އަލުން އަނބުރާ ގަތުމުގެ ފުރުސަތު ދިނުމަށް "ވެހިކަލް ބައިބެކް" ޕްރޮގްރާމެއް އަންނަ އަހަރު ފަށާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ޕްރޮގްރާމު ފެށުމަށްޓަކައި ވަކި ހާއްސަ ޑިޕާޓްމަންޓެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ހާއްސަކޮށްގެން 500 މިލިއަން ރުފިޔާގެ ބަޖެޓެއް މި ޕްރޮގްރާމަށް ހަމަޖެއްސުމަށްޓަކަށް ކަމާ ގުޅޭ ލިޔުންތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ އޮސްޓްރޭލިއާ ސިންގަޕޫރް ފަދަ ގައުމުތަކުން މީގެ 12 ވަރަކަށް އަހަރު ކުރިން ކޮށްފައިވާ ކަމެއް. ޒުވާން ކުދިންތަކެއް ހަދާފައިވާ ދިރާސާ އަކުން 18 ޕަސަންޓާއި 22 ޕަސަންޓް ވެހިކަލް އޮންދަ ސްޕޮޓްގައި ވެލުއޭޝަން ހަދާފައި ފައިސާ ދޭ ކަމުގައި ވަނީނަމަ ދޫކޮށްލާ. އެގޮތަށް ކަނޑައެޅުމުން މިހާރު އޮތް ހާލަތު އިތުރަށް ގޯސް ވިޔަ ނުދީ ހިފެހެއްޓޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ކުރިން ބޭނުންކޮށްފައި ހުންނަ އުޅަނދުތައް އަލުން އަނބުރާ ގަތުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމަށް އެކަށީގެންވާ ތަރުހީބެއް ނުލިބިއްޖެނަމަ ދުވަސްވީ ބާވެފައި ހުންނަ އުޅަނދުތައް ބާ ދަނގަޑަށް ބަދަލުކޮށް ރީ އެކްސްޕޯޓް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ދުވާލެއްގެ މައްޗަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަމުން ދިޔަ އަދަދު މީގެކުރިން ކިތަންމެ މަތީގައި ހުރި ނަމަވެސް
އެ އަދަދު މިހާރު ވާނީ ދަށްކުރެވިފައި ކަމަށެވެ. މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައާއި އެއްގަމު އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި
މަލްޓިސްޓޯރީ ޕާކިން ބިލްޑިންތަކެއް އަވަހަށް އެޅުންވެސް މުހިއްމު ކަމަށެވެ. ރަޖިސްޓްރީ ނުކޮށް މާލެ ސަރަހައްދުގެ މަގުތަކުގައި ބާއްވާފައި އޮންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަމާޒަކީ ރޯދައިގެ ކުރިން އެފަދަ ވެހިކަލްތައް މަގުމަތިން ނަގާ އެއް ސަރަހައްދަކަށް ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.
"މިމަސައްކަތާ އެކުވެސް މާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ވާނެ،" އަމީން ވިދާޅުވި އެވެ.