އެމްޑީޕީ

ފެލިދޫ ދާއިރާއިން އެމްޑީޕީގެ ތާއީދު އަލީ ޒާހިރަށް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަނުކުރާ ދާއިރާއެއް ކަމަށްވާ ވ. ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތާއީދުކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަނުކުރާ ދާއިރާއެއް ކަމަށްވާ ވ. ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލީ ޒާހިރު، މިސްކިތްމަގު، މާހުގެ / ޏ. ފުވައްމުލައް އަށް ތާއީދުކުރަން އެޕާޓީން ނިންމާފައިވާ ކަމަށެވެ.

ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓު ދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

އަލީ ޒާހިރަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފެލިދޫ ދާއިރާ އަކީ ރާއްޖޭގައި އާބާދީ އެންމެ ކުދި ރަށްތައް ހިމެނޭ ދާއިރާ އެވެ. އެގޮތުން މިދާއިރާގައި ހިމެނެނީ ވ. ފެލިދޫ, ވ. ފުލިދޫ އަދި ވ. ތިނަދޫ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފެލިދޫ ދާއިރާ އަކީ އަލީ ޒާހިރުގެ އަނބިކަނބަލުން ނިސްބަތްވާ ދާއިރާ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި މިވަގުތު ވަނީ ހުސްވެފަ އެވެ. އެއީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ފަޒުލް ރަޝީދު މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.