ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ހއ، ހދ، ށ އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި އެވެ. އަދި ނ. އަތޮޅުގައިވެސް އެންމެ ކައުންސިލެއް ފިޔަވާ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ ކުރިން އެމަނިކުފާނު ވަނީ އައްޑޫ، ފުވައްމުލައް، ތިނަދޫ ސިޓީގެ އިތުރުން ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާވެސް ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިއަށް ގެންދަވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.