( 27 ފެބްރުއަރީ 2024 އާ ގުޅޭ )
"ތެންކިޔު ނާނު. ތެންކިޔު ފޯ އެވްރިތިންގް. އަހަރެންނަށް ކަންތައް ކުރެވުނު ގޮތާމެދު މަޢާފުކުރޭ. އަހަރެން ކަހަލަ އަމިއްލަ އެދުން ބޮޑު މީހަކަށް ތިކަހަލަ ރަނގަޅު އެކުވެރިޔެއް ލިބުނީތީ ޝުކުރުވެރިވަން. މުޅިއަކުން އަހަރެން ނަސީބު ދެރައެއްނުވި. ގައިމު ވެސް ނަސީބެއްނެތްނަމަ ނާނުއާ ދިމައެއް ނުވީސް. ދެން ނުރޮއެ ބަލަ. މީ ހެޕީވާންވީ ވަގުތެންނު. މިހާރު މިހުރީ އައިހެންނު. ނާނުއަށް އެއްވެސް ކަމެއް ނުކިޔާދޭކަށްނޫން. އޭރު އަހަރެންގެ ނަފްސު ތައްޔާރު ނޫނީ." ފައިނާނު ދުރަށް ޖައްސާލަމުން މާޔާ ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
"އެހެންވީރު ޕްރޮމިސް ކުރޭ ދެން ދުވަހަކުވެސް އަހަރެން ކައިރީ ނުބުނެ ނުހުންނާނަންކަން. އަހަރެންނަށް އެނގޭ އަހަރެންގެ އަތުގައި މިޔާއަށް ދޭނޭ ބައިވަރު އެއްޗެހިތަކެއް ނެތްކަން. އެހެންވިޔަސް އަހަރެން ކައިގެން ހުރިއްޔާ މިޔާ ވެސް ހުންނާނީ ކައިގެން. އަހަރެން ނިދާ ތަންމަތީގައި މިޔާއަށް އޮވެވޭނެ." ފައިނާން ދައްކަމުން ދިޔަ ވާހަކަ މާޔާ މެދުކަނޑާލި އެވެ.
"ސޮރީ. ދެން ތިހެން ވާހަކަނުދައްކާ އަހަރެންނަށް މަޢާފުކޮށްފީމޭ ބުނެބަލަ. ފްރޮމް ނައު އޮން، ހައު އަބައުޓް ވީ ޑިޕެންޑް އޮން އީޗަ އަދަރ." ފައިނާންގެ ދެ އަތުގައި ހިފައި ބާރުކޮށްލަމުން މާޔާ ބުންޏެވެ.
"އޮފްކޯޒް. އަހަރެން މަޢާފުކޮށްފިން. އެހެންނޫނަސް މުޅި އުމުރު މިޔާއާއެކީ އުޅޭން އަހަރެންނޫނީ ދެން ކާކު ހުރީ." ފައިނާން ބުނެލި އެވެ. އޭނާގެ މޫނަށް ޖެއްސި ވައްތަރާއި ބުނެލީ ބަހުން މާޔާއަށް ހީނގަނެވުނެވެ.
"ތީ ހަމަ އަހަރެން ދަންނަ ނާނު. އެހެން މީހަކަށް ދުވަހަކުވެސް ބަދަލު ނުވައްޗޭ." މާޔާ ހެމުން ބުނެލި އެވެ.
"ޔަގީންތާ؟. އަހަރެން ކީއްކުރަން އެހެން މީހަކަށް ވާންވީ." ހިނިތުންވުމަކާއެކު ފައިނާނު ބުންޏެވެ.
ޝާހީން ދިއުމުގެ ކުރީން މާޔާއަށް ގުޅި އެވެ. އޮފީހަށް މާދަމާ ނުކުންނަން މާޔާ ހަމަޖެހިފައި އޮތްއިރު މާދަމާ ކަންކަން ރޭވިފައި އޮތް ގޮތް ފައިނަލްކޮށްފައި ގުޅާނަން ކަމުގައި ޝާހީން ބުންޏެވެ. އޮފީހާ ބެހޭ ވާހަކަތައް މާޔާ ފޯނުން ދައްކަން އިންއިރު އޭނާގެ ވާހަކަތައް އަޑު އަހަން ފައިނާން އިނީ ޝައުގުވެރި ހިނިތުންވުމަކާއެކު އެވެ.
"މިޔާއަށް ހުރިހާ ކަމަކުން ކާމިޔާބު ދެއްވާށެ." ފޯނު ކޯލު ނިންމާލި ހިނދު ފައިނާން ބުނެލި އެވެ.
"ތޭންކްސް ޓު ޔޫ. މިހާރު ފެންނަން މިހުރި މީހާއަށް އަހަރެންވުމުގެ އަސްލަކީ ތީ. ނާނުގެ ހެޔޮކަން ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެ." މާޔާ ބުނެލީ އެތައް އަސަރެއް އެކުލެވިގެންވީ ފަދައިންނެވެ. ފަސް އަހަރު ކުރީން އޭނާއަކީ ދިރިއުޅުމާމެދު ގޮތް ހުސްވެ މާޔޫސްވެފައި އިން މިޔާ އެވެ. އެކަމަކު މިއަދު އެ މިޔާ ފަސްލުމަށްފަހު އޭނާ އެވަނީ މާޔާއަށް ވެފަ އެވެ. މާޒީގެ އެ ހިތްދަތިކަން ދޫކޮށްލައި ކުރިޔަށް ފިޔަވަޅު އަޅާން ދަސްކޮށްފަ އެވެ.
"ވާއޮ... ތި ކާމިޔާބީގެ ފަހަތުގައި އަހަރެން ވާނަމަ އެކަމާ ޝުކުރު އަދާކުރަން ޖެހޭނެ. ބުނޭ... ކިހިނެއް އަހަރެންނަށް ޝުކުރު އަދާކުރާން ވިސްނަނީ." ސަމާސާކަން އެކުލެވިގެންވީ ރާގެއްގައި ފައިނާން ވާހަކަދެއްކީ ހިނިތުންވެ އިނދެ އެވެ.
"ހޫމް!... ވިސްނާލަން ޖެހޭނީ... އަހަރެންގެ ހީރޯ ތީ. އެހެންވީމަ... ކިހިނެއްވާނީ ކޮއްތުމީ ނޫޑުލިސް ތަށްޓެއް ހަދައިދިނިއްޔާ." ވަރަށް ވިސްނާކަމަށް ހެދެމުން މާޔާ ބުންޏެވެ. ފައިނާން ވަގުތުން ތުންކޮޅު ހަދާލި އެވެ. އެކުވެރިޔާ އޭނާއާ ދިމާކޮށްލީކަން އެނގުނީ އެވެ.
"ހެ ހެ ހެ... އެއީ މަޖަލަކަށޭ. ހިނގާ މިރޭ ބޭރުން ކާން. ނާނު ބޭނުން އެއްޗެއް ކާންދޭނަން." ފައިނާނަށް ވީގޮތް ފެނި މާޔާ ނިކަން ބާރަށް ހޭންފެށި އެވެ. އަދި ހެމުންހެމުން އަވަހަށް އެކުވެރިޔާ ރުއްސާލި އެވެ.
"ތިހެން ބުނީތީ ވެސް އެއް ފަހަރު ކާންދީގެން ނުފެދޭނެ." ކުސްތަޅާލުމާއެކު ފައިނާނު ބުންޏެވެ. ކުޑަކުއްޖެކޭ އޭނާ ތަފާތެއްނެތެވެ. އޭނާގެ އެފަދަ ޢަމަލުތަކުން ފާޅުވަނީ އޭނާގެ ހިތުގެ ސާފުކަމާއި މައުސޫމް ކަމެވެ. ފައިނާނުގެ ކޮންމެ އެދުމެއް ޤަބޫލުކުރާން ތައްޔާރަށް އިން މާޔާ އެއްބަސްވެލި އެވެ.
އެރޭ އަށެއް ޖަހާކަން ހާއިރު ދެ އެކުވެރީން ނުކުތެވެ. އަތިރިމަތީގައި ހުރި ކެފޭއަކުން ކައިގެން ނުކުމެ ދެ އަންހެންކުދީން ވެސް ބޭނުންވީ ހިނގާލަން ދާށެވެ. މަޑު ހިނގުމުގައި އެމީހުން ހުޅުމާލޭގެ ފޭސް ޓޫއަށް އެރި އެވެ. މާލޭގައި އިހުގައި އޮންނަ ގާޑިޔާ ފަދަ ކުދިވިޔާރި ކުރާ މީހުންގެ ފިހާރަތައް އޮތް ސަރަޙައްދަށް އެމީހުންނަށް އާދެވުނެވެ. ފައިނާނު ވަގުތުން ޕާނީޕޫރީ ކާހިތްވެއްޖެ އެވެ. އެހެންވެ އޭނާއަށް ޕާނީޕޫރީ ގަނެދީގެން އެ ސަރަޙައްދުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މާޔާ އިށީނެވެ.
"މިޔާ ރަހަބަލާބަލަ. ތިހެން އިންދަ އަހަރެންނަށް ހުސްކޮށްލެވިދާނެ." ފައިނާނު އަނގަ ފުރައިގެން އިނދެ ބުނެލި އެވެ.
"މިފަހަރު ނާނު ކާލާ." މާޔާ ބުނެލި އެވެ. ފައިނާނު ނިކަން ގަޔާވެ އިނދެ އަޑު ލައްވާލަމުން ކަމުން ދިޔަ އެވެ. މާޔާގެ ނަޒަރު މަޑުމަޑުން ދަތުރުކޮށްލީ މެދު އުޑުގައިވީ ހަނދަށެވެ.
"މިޔާ... ތީ މިޔާ ދޯ." ދާދި ކައިރިން ފިރިހެނެއްގެ އަޑު އިވުނެވެ.
އަނގަޔަށް ލާލާ އިން ޕާނީޕޫރީ ނިކަން އަވަހަށް އަނގަޔަށް ކޮށްޕާލުމާއެކު ފައިނާނު ބަލާލި އެވެ. މާޔާގެ ނަޒަރު ވެސް އެ އަޑަށް އަމާޒުވެލީ ފައިނާނެކޭ އެކުއެކީ އެވެ. މާޔާގެ ދެބުމަ ކައިރިވެލި އެވެ. ގާތުގައި ހުރީ ލުހާމެވެ. މާޒީއަށް ދޫކޮށްލި ހަނދާންތަކުން އެންމެ ފުރަތަމަ އޭނާގެ ހިތުގައި ކޫރުން އަޅުވާލި ހަނދާނަކީ އެއީ އެވެ. އެ ހިތް ފުރަތަމަ ޒަޚަމްކޮށްލި ލޯތްބަކީ ލުހާމެވެ.
"މިޔާ... ހިޔެއްނުކުރަން އަލުން ފެންނާނެއެކޭ. ކޮންތާކު މިހާ ދުވަހު އުޅުނީ. ނަންބަރު ބްލޮކްކޮށްލީ ކީއްވެ؟. ހާދަ ބަދަލުވެފައި ތިހުރީ." ލުހާމް މިޔާގެ ކޮނޑުގައި އަތް ޖައްސާލި އެވެ. އޭނާއާ ދިމާއަށް މާޔާ އެނބުރިލާށޭ އިޝާރާތް ކުރާ ފަދައަކުންނެވެ. ނަމަވެސް މާޔާ އެ އަތް ފޮޅުވާލީ ނުހަނު އަވަހަށެވެ. އަދި އޭނާ އިންތަނުން ތެދުވެ ލުހާމްއާ ދުރަށް ޖެހިލި އެވެ. އެހިނދު ލުހާމްގެ ގާތުގައި އައިސް މަޑުކޮށްލިތަން ފެނުނީ ހަތޫންނެވެ. އިތުރަށް މާޔާގެ ޠަބީޢަތް ޚަރާބުވެއްޖެ ކަހަލަ އެވެ. ފޫހިކަމުގެ އިންތިހާ މާޔާގެ މޫނުން ފާޅުވެލި އެވެ.
"ސާބަސް. އަދިވެސް ހިތް ނުކެނޑުނުތަ؟. ވަރެއްވެއްޖެ ދޯ ލުހާމް ގޮވާލާއިރަށް. އެކަމަކު އެއީ މިހާރު މިޔާގެ ލުހާމެއްނޫން. ހުރިހާ ފިރިހެނުން މިޔާގެ ރީތިކަމަކަށް ނުހެއްލޭނެ. އަމިއްލައަށް ހީކުރަނީ ތިމާ ވަރަށް ކާމިޔާބޭ. ހުރިހާ ފިރިހެނުން ތިބެނީ މިޔާ ބޭނުންވެފައޭ. ތި ކުށްހީ ދޫކޮށްލާ. އޭނާގެ މަތިން ހަނދާންނައްތާލާ. ލުހާމު ނޫޅޭ މިޔާ ބޭނުންވެގެންނެއް." ހަތޫން ބުނެލީ މަލާމަތުގެ ހިންޏެއް އައިސްފައި ހުރެ އެވެ.
މަންޒަރު ބަލަން އިން ފައިނާނަށް ކެތެއްނުވި އެވެ. ރުޅިއައިސް ރަތްވެފައިވާ މީހަކު ފަދައިން އަނގަޔަށް ލީ އެއްޗެހި ވަގުތުން ދިރުވާލުމާއެކު ފުންމައިގެން ތެދުވެއްޖެ އެވެ. އަދި ކައިރީގައި ހުރި ފެންފުޅި ނެގުމާއެކު ހަތޫންގެ މޫނަށް ފެން ޖަހައިފި އެވެ.
"ލަދުހަޔާތް ކުޑަ މީހުން ދުނިޔޭގައި އުޅޭ. ކަލޭ ވަރެއް ނުދެކެން... ބަލަ ލުހާމާއި މިޔާގެ ދެމެދަށް ވަން މީހަކީ ތީއޭ. ޖަނަވާރު ވެސް ކާންދޭ މީހާ ދަނޭ. އެކަމަކު ކަލޭ ތީ ކާންދިން އަތުގައި ދަތް އެޅި މީހެއް. މިއަދު މިޔާގެ ކުރިމައްޗަށް އަރަން ހަތޫން، ކަލޭ ލަދުގަންނަން ޖެހޭނެ. ކަލޭމެން ދެ މީހުން ވެސް ލަދުގަންނަން ޖެހޭނެ. ކަލޭމެން ކުރި ކަންތައް ނިކަން ހަނދާންކޮށްބަލަ. މިޔާގެ ފުރަގަހުގައި ކަލޭމެން އުޅުނީ ކިހިނެއް؟. ތީ އަންހެނުންނަށް ވެސް ހުރި ހުތުރެއް. ރަޙުމަތްތެރީންނަށް އިތުބާރުކުރާން ދަތިވަނިވަނީ ތިކަހަލަ ހަތޫން ގިނަވެގެން. އެންމެ ގާތްކޮށް އުޅެފައި އަތުލަނީ ބެސްޓްފްރެންޑްގެ ލޯބިވެރިޔާ. ތީތަ އެކުވެރިކަމަކީ؟." ވަށައިގެން އެތައް ބަޔަކު ތިބި މާޙައުލެއްގައިކަން ހުރެވުނީ ފައިނާނު ނުބަލަ އެވެ. ހަތޫން ކަންތައް ކުރި ގޮތް އެނގި އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފަ އެވެ. އަދި މިފަދަ ފުރުޞަތަކަށް ބަލަބަލަ އެވެ. ހަތޫންއާ ދިމާއަށް ހިތުގައި އޮތް ހުރިހާ ނުރުހުމެއް ބޭރުކޮށްލާން ބޭނުންވެފަ އެވެ.
"ކަލޭ ތީ ކާކުތަ؟." ރުޅި އައިސްފައި ހަތޫން އުޅުނީ ފައިނާންގެ އަތުގައި އޮތް ފެންފުޅި ޖަހައިގަންނާށެވެ. ނަމަވެސް ހުސިޔާރުވެ ހުރި ލުހާމް އޭނާގެ އަތުގައި ހިފެހެއްޓި އެވެ. މީހުންގެ ނަޒަރުތައް އެ މީހުންނަށް ހުއްޓިފައިވާތީ އެވެ. ބައެއް މީހުންގެ ޗުކުޗުކު ތެޅުވުމުގެ އަޑު އިވެންފެށިއިރު ދުރުގައި ތިބި ޒުވާން ކުދީންކޮޅެއް ފޯނުން ކެމެރާ ކުރާހެން ވެސް ހީވެ އެވެ. ލުހާމް ބޭނުންވަނީ އަވަހަށް އެތަނުން ދާށެވެ. ނަމަވެސް އޭނާ ހިފެހެއްޓީތީ ހަތޫން އޭނާދެކެ ރުޅި އަތުވެއްޖެ އެވެ.
"ހަތޫ. މީހުން އެއްވެފަ ތިބިތަން ނުފެނޭތަ؟. ޒުވާބުނުކޮށް ދާން ހިނގާ." ލުހާމް މަޑުމަޑުން ބުނެލި އެވެ.
"ލުހާމާ ހެދިއެއްނޫންތަ މިހެން މިވީ. ޖެހޭތަ އަންހެނަކު ފެންނައިރަށް މިޔާއޭ ކިޔަމުން އަންނަން. ޖެހޭތަ އޭނާއާ ވާހަކަދައްކަން. އޭނާދެކެ ލޯބިވަނީތަ؟. މިހާ ދުވަސްކޮށްފައި ފެނުނީމަ ގޮތެއްވީ ދޯ. އަހަރެންގެ މޫނަށް ފެންޖެހިއިރު ލުހާމަށް ކީއްވެ އެކަން ނުހުއްޓުވުނީ." ރުޅިއައިސްފައި ހުރިވަރުން ހަތޫނަށް ލުހާމް ބުނާ އެއްޗެއް ވިސްނޭހެން ހިޔެއްނުވެ އެވެ. މޫނުމަތިން ފެންތައް ފުހެލަން އަތް އުނގުޅާލުމުން ހަތޫންގެ އެސްފިޔަތަކާއި ލޯ ކައިރީގައިވާ އަނދުންތައް ފޭދި ކަޅުކުލަ ހޭކުނެވެ. އެތަން ފެނުމުން ފައިނާން ބަލަން ހުރެފައި ހީނގަނެއްޖެ އެވެ. މާޔާ ލޮލުން ނުހޭން އިޝާރާތްކޮށްލުމުން ފައިނާނަށް ހުނުން ނުހިފެއްޓުނީ އެވެ. އިތުރަށް ހަތޫންގެ ރުޅި ގަދަވީ މަލާމާތް ކުރަނީހެން ހީވެފަ އެވެ. ލުހާމް އަވަސްއަވަހަށް ޓިޝޫއެއް ހޯދައިގެން އައިސް ހަތޫނަށް ދިއްކޮށްލައި މޫނު ސާފުކޮށްލުމަށް ބުންޏެވެ.
"ލޯގަނޑުން އަމިއްލަ ސޫރަ މިވަގުތު ފެނިއްޖެއްޔާ ލުހާމްގެ ބަސް އަހައިގެން އަވަހަށް މިތަނުން ދިއުން ރަނގަޅުވާނީ. ކީއްކުރާނީ... މިޔާ ގަނެދޭން ނެތީމަ ވޯޓަރ ޕްރޫފް މަސްކަރާއެއް ވެސް ނުލިބޭ. އަގުބޮޑު ކޮސްމެޓިކްސް އެފޯޑެއް ނުކުރެވޭނެއެއްނު. އެކަމަކު ނެތް ފެންވަރު ދައްކަން މީހުން އުޅޭ ވިއްޔާ." ފައިނާނު ބުންޏެވެ. މާޔާއަށް އެ ވާހަކަ އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ފާޅުގައި އޭނާ ފައިނާން ކައިރީ ވާހަކަ ނުދެއްކުމަށް އެދުނެވެ. ފައިނާން ހަމައެކަނި އެހެން ބުނީ ހަތޫން ކަންތައް ކުރި ގޮތުންކަން ވެސް މާޔާއަށް އެނގެ އެވެ. އެހެންވިޔަސް އެއްވެސް މީހެއްގެ ނިކަމެތިކަމަށް މަލާމާތް ކުރާން މާޔާ ނޭދެ އެވެ. އެއީ ގޯހެއްކަން ވިސްނޭތީ އެވެ. ޚުދު މާޔާ ވަނީ މުއްސަނދި ކަމަށްފަހު ނިކަމެތިކަން ވެސް އިޙްސާސްކޮށްފަ އެވެ.
"ހޭނެއް ކަމެއްނެތް. އަދި ބުނަން... ވަރަށް އަވަހަށް އަހަރެމެން ކައިވެނި ކުރަން މިއުޅެނީ. އަންނާތި އިނގޭ." ހަތޫން ބުނެލީ ޖެއްސުމަށެވެ. މިޔާގެ ހިތުގައި ޖެހޭނޭ ހީކޮށެވެ. އޭނާއާއި ލުހާމަށް ނޭނގެނީ އެމީހުން ދިން ހިތްދަތިކަމަށްވުރެ ވޭނުން ފުރިފައިވި ޒަޚަމްތަކެއްގައި ކަޅު ދުވަސްތަކެއް ހަޔާތުން ވޭތިކޮށްފައިވާ ކަމެވެ. އެ ވޭނާއި ރިހުމާ ބަލާއިރު އެމީހުންގެ ފުށުން ލިބުނު އޮޅުވާލުން މިއަދު އެއްޗަކަށް ނުވެ އެވެ.
"ދާނަން އިރާދަކުރެއްވިއްޔާ. އެ ދުވަހުން ބައްދަލުވީމަ އަހަރެން ލިޔުމެއް ވެސް ދޭނަން. މުޅި އުމުރަށް ލުހާމަކީ ހަތޫގެ މިލްކެއްކަން އެނގޭނޭހެން. އޭރުން ޔަގީންވާނެއެއްނު ތި ދެމެދަށް ވަނުގެ ވިސްނުމެއް އަހަރެންގެ ނެތްކަން." މާޔާ ބުނެލި އެވެ.
"ތީ ވަރަށް ރަނގަޅު ޚިޔާލެއް. ލިޔުމެއް ތައްޔާރު ކުރާން ފެނޭ." މަޖާވެލާފައި ފައިނާނު އެއްބައިވެލި އެވެ.
ހަތޫންގެ އަތަށް ލުހާމް ދަމަމުން އެއްފަރާތަކަށް ގެނަ އެވެ. އިތުރަށް ޒުވާބު ކުރިޔަ ނުދޭށެވެ. އަދި ލުހާމްގެ ފޯނުން ހަތޫންގެ މޫނު އަނދުންކުލައިން ކަޅުވެފައި ހުރިވަރު ދައްކާލި އެވެ. އެއާއެކު ހަތޫން ހުރި ސިފަ އެނގުނީ ދެނެ އެވެ.
"ކުރީން ބުނާކަށް ނޭނގުނުތަ؟." ލުހާމާ ދިމާއަށް ހަތޫން ދަތްކުނޑިވިކައި ގަތެވެ. ލުހާމް ބުނަން މަސައްކަތް ކުރި ނަމަވެސް ހަތޫން ހުރީ މާބޮޑަށް ރުޅިގަދަވެފައިކަން ބުނަން ހިތަށް އަރާފައި ވެސް ލުހާމް ޚިޔާރު ކުރީ ހިމޭން ކަމެވެ. އިތުރަށް ދެބަސްވާން ޖެހިދާނެތީ އެވެ. ހަތޫން މޫނު ސާފުކުރަމުން ދިޔައިރު ލުހާމްގެ ނަޒަރު އަނެއްކާ ވެސް ދަތުރުކޮށްލީ މިޔާ ހުރި ދިމާއަށެވެ. މިޔާ އެއްފަހަރު ވެސް އޭނާއާ ދިމާއަށް ބަލާނުލިކަން ފާހަގަވި އެވެ. ދެ އަންހެންކުދީން ގިނައިރަކު މަޑެއް ވެސް ނުކުރި އެވެ. އޭނާ ބަލަބަލާ ހުއްޓާ ފައިނާނާއެކު މިޔާ ހިނގައިގަނެއްޖެ އެވެ.
* * * * *
"ހައިކް. ތި ނިދަނީތަ؟. ކޮންއިރެއް ނިދަން ބޭއްވިތާ." ކޮޓަރީގެ ދޮރު ހުޅުވާލި ގޮތަށް ފެނުނު މަންޒަރުން ސޫޒަން ހަޅޭލައިގަތެވެ.
"މަންމާ." ކޮޓަރިތެރޭގައި ބޮޑު ރަޖާގަނޑަކުން ހަދާފައިވާ ޓެންޓުގެ ތެރެއިން ނުކުތް ކުޑަ ފިރިހެންކުއްޖާގެ މޫނުން ފާޅުވީ ބިރުގެންފައިވާ ކަމުގެ ހާސްކަމެވެ. އަތުގައި ކުޅޭން ގެންގުޅުނު ރޮބޮޓަކާއި ކާރެއް އޮތެވެ.
"ކޮންމަންމާއެއް ކިޔާކަށް. ހަމަ މިހާރު އެނދަށް އަރާ." ސޫޒަން އައިސް ކުޑަކުޑަ ހައިކްގެ އަތުގައި ހިފައި ދަމައިގަތެވެ. ތަދުވީ ނަމަވެސް އެއްޗެއް ބުނަން ނުކެރި ބިރުން ހުރެ އަވަހަށް އޭނާ އައިސް އެނދަށް އެރި އެވެ.
"އިޒީކިއަލް ގުޅާއިރަށް ބުނާނަން ބޭރަށް ފޮނުވާލަން ރެޑީ ކުރާށޭ." ސޫޒަން ބުންޏެވެ. އެއާއެކު ހައިކްގެ ބަޑި ފަޅައިގެން ހިނގައްޖެ އެވެ.
"މަންމާ ހައިކް ބަސްއަހާނަމޭ. މިހާރު ހައިކް ނިދަނީ. މަންމަ ބަލާ... ހައިކް ލޯ ވެސް މަރަނީނު. ޕްލީޒް މަންމާ. ޑެޑީ ކައިރީ ނުބުނައްޗޭ. ހައިކް ޑެޑީ ކައިރީ ހުންނަން ބޭނުމީ. ޕްލީޒް އެހެންތަނަކަށް ހައިކް ފޮނުވާ ނުލައްޗޭ." ރޮމުންރޮމުން ހައިކް ވާހަކަދެއްކި އެވެ.
(ނުނިމޭ)