ދުނިޔެ

ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިއްބާ 112 މީހުން މަރައިފި

ފަލަސްތީންގެ ޣައްޒާއަށް އެހީ ހިފައިގެން ލޮރީތަކެއް އަންނަ ހަބަރަށް ދިގު ކިޔޫއެއްގައި ތިބި އާންމުންގެ އެތައް ހާސް ބަޔަކަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 112 ފަހަނަ އަޅައިފި އެވެ.

މި ހަމަލާގައި 750 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މަރުވި މީހުންނާއި އަނިޔާ ލިބުނު މީހުންގެ އަދަދު އަދި މިއަށްވުރެ އިތުރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާން އަޝްރަފް އަލްގުދުރާ ވިދާޅުވި ގޮތުން އަނިޔާ ލިބުނު މީހުންގެ ތެރޭގައި ގިނައީ ފޫޅުން މައްޗަށް ވަޒަން އަރާފައި ތިބި މީހުންނެވެ. އެ މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ހިފައިގެން ދާ ލޮރީތައް ދޮށަށް މީހުން ޖަމާވާނެކަން އިޒުރޭލުގެ ޔަހޫދީ އަސްކަރީ އޮފިޝަލުންނަށް އެނގޭނެ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފިސަރު އިސްމާއީލް ތަވާބިތާ ވިދާޅުވި އެވެ.

ތަވާބިތާ ތުހުމަތުކުރައްވާ ގޮތުން މިހާދިސާއާ ބެހޭ ގޮތުން ޔަހޫދީ އިޒުރޭލުން ހަދަނީ ދޮގެވެ. އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ދިން މައުލޫމާތުތަކުގައިވެސް ވަނީ ހުސް ދޮގެވެ.

އިޒުރޭލުން ބޭނުންވަނީ ޔަހޫދީން ކުރާ އެއްވެސް ކަމަކީ ދުނިޔޭގެ ގާނޫނާ ހިލާފު ކަމަކަށް ނުހެދުން ކަމަަށްވެސް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން އެއްވި މީހުންގެ ތެރެއިން ބަޔަކު މަރުވީ އެހާ ގިނަ ބަޔަކު އެއްފަހަރާ އެއްތަނަކަށް ޖަމާވުމުން ފިތިގެންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މަރުވީ ލޮރީ ދަށުވެގެންނެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ގޮސް ތިބި ޔަހޫދީ ސިފައިންނާ ދިމާކުރި ބައެއްގެ ފަޔަށް ބަޑިޖެހި ކަމަށް އިޒުރޭލުން އެއްބަސްވެ އެވެ. އެ މީހުންގެ ފަޔަށް ބަޑިޖަހަން ޖެހުނީ އިންޒާރު ދިނުމުންވެސް ސެކިއުރިޓީންނާ ދިމާކުރުމުން ކަމަށް އިޒުރޭލުން ބުންޏެވެ.

ޣައްޒާގެ އާންމު ރައްޔިތުންނާ މެދު ޔަހޫދީ އަސްކަރިއްޔާއިން އަމަލުކުރަމުންދާ ގޮތާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކަންބޮޑުވާކަން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ އެއްވެސް ހަމަލާއެއް، އެމެރިކާއިން ކުށްވެރިއެއް ނުކުރެ އެވެ.

އިޒުރޭލު އިސްތިއުމާރީ ބާރުތައް ފަލަސްތީންގެ އާންމުންގެ ތެރެއަށް ވަދެ ބޭނުންހައި ކަމެއް ކުރެވެނީ އެމެރިކާގެ ރުހުން އޮވެގެންނެވެ. މި ނޫން ގޮތެއްގައި މިހާރު ޣައްޒާ ހަމަލާތައް އޮންނާނީ ހުއްޓިފަ އެވެ.