ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ މާދަމާ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
މަޖިލީހުގައި މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފައިވާކަން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް މާދަމާއަށް ތާވަލުކުރި ޖަލްސާގެ އެޖެންޑާ އަދި އާއްމުކޮށްފައިނުވެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ އެހެން ގޮތަކަށް މަޖިލީހުން ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާންމު ޖަލްސާތައް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންޖެހެ އެވެ.
މި ދުވަސްވަރަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރަށްވާތީ އިންތިހާބުގެ ކެމްޕޭނަށް މެންބަރުން ވަގުތު ހުސްކުރުމުގެ ގޮތުން މަޖިލީހުގެ ޖަލްސާތައް ހަފުތާއަކުން އެއް ދުވަހު ނުވަތަ ދެ ދުވަހު ބޭއްވުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ ނިންމަވާފަ އެވެ.