- ވާދަވެރި ކުންފުނިތަކަށްވުރެ އިންޓަރެސްޓް ރޭޓް ކުޑަވާނެ
- ލޯނު ނަގާ ފަރާތްތަކަށް ބޮޑު ލުޔަކަށް ވާނެ
- ހައުސިން ލޯނުތަކުން 1.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ
ބީއެމްއެލް އިން ދޫކުރާ ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް ދެ ޕަސެންޓް އަދި ޕާސަނަލް ލޯނުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓް ދަށްކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޓްރެސްޓް ރޭޓްތަކަށް ގެނައި މި ބަދަލާ ބެހޭ ގޮތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ހައުސިން ލޯނާއި ޕާސަނަލް ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކުރީ އެންމެ ބޮޑަށް މީހުން ބޭނުންކުރާ ދެ ލޯނަކީ މިއީ ކަމަށްވުމުން ކަމަށެވެ.
"މީގެ ސަބަބުން ލޯނު ނަގާ މީހުންނަށް ވަރަަށް ބޮޑު ލުޔެއް ލިބިގެން މިދިޔައީ. ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން 15 އަހަރަށް ބެލިނަމަވެސް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" އެންޑްރޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ގިނަ މީހުން ނަގާ ދެ ލޯނެއްގެ އިންޓްރެސްޓް ރޭޓަށް ގެނެވުނު މި ބަދަލާ ގުޅިގެން މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވެސް އިންޓްރެސްޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ރާއްޖޭގައި ހައުސިން ލޯނުދޫކުރާ އެހެން ފަރާތްތަކާ ބަލާއިރުވެސް އެންމެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ ކުންފުންޏަކަށް މިހާރު ވާނެ،" އެންޑްރޫ ވިދާޅުވި އެވެ.
ވާދަވެރި އެހެން ކުންފުނިތަކުގެ ހައުސިން ލޯނު ރޭޭޓްތައް:
- އެމްއެފްއެލްސީ 11.5-12.5 ޕަސެންޓް
- އެޗްޑީއެފްސީ 12-14 ޕަސެންޓް
- އިސްލާމިކް ބޭންކް 10.5-12 ޕަސެންޓް
ބީއެމްއެލް އިން އިންޓްރެސްޓް ރޭޓަށް ގެނައި މި ބަދަލާއެކު، ކުރިން 11 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި އެންމެ ކުޑަކޮށް ދޫކުރަމުން ދިޔަ ލޯނުތަކުން ދެ ޕަސެންޓް ކުޑަވެގެން ދާނެ އެވެ. މި ބަދަލާއެކު ހޯމް ލޯނު ދޫކުރާނީ އަހަރު ނުވަ ޕަސެންޓުގައި އެވެ. އަދި ކުރިން 11.5 ޕަސެންޓުގައި ދޫކުރަމުން ގެންދިޔަ ހޯމް ކޮންސްޓްރަކްޝަން ލޯނު މިހާރު ދޫކުރާނީ 9.5 ޕަސެންޓުގަ އެވެ. މީގެ އިތުރުން ކުރިން 12 ޕަސެންޓުގައި ދޫކުރި ރިއަލް އެސްޓޭޓް ލޯނުގެ އިންޓްރެސްޓް ރޭޓުވެސް ވަނީ 10 ޕަސެންޓަށް ދަށްވެފަ އެވެ.
ބީއެމްއެލްއިން އިންޓްރެސްޓް ރޭޓަށް ބަދަލު ގެނެސްފައި މިވަނީ ބޭންކްތަކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މުހިންމު ބަދަލެއް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ވިއްކާ ޓްރެޒަރީ ބޮންޑުގެ އިންޓްރެސްޓް ރޭޓްވަނީ ނުވަ ޕަސެންޓުން ހަތަރު ޕަސެންޓަށް ތިރިކޮށްފަ އެވެ.