ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބުގެ ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލައިފި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް ހުޅުވާލާފަ އެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުން ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު އެ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް މިމަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބު ފަސްކުރަން އީސީ އިން ނިންމީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން ދެވަނަ ފާސްކުރުމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.