ޑރ. މުހައްމަދު މުއިއްޒު

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓި ޑޮލަރުގެ ރޭޓް ދަށަށްދާން ފަށައިފި: ރައީސް

ފައިސާ ޗާޕްކުރުން ހުއްޓާލުމުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި ޑޮލަރު ރޭޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭރުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ނުވަ ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށެވެ.

އެ ދަރަނިތައް ދައްކަމުން ދަނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދޭން ހުރި ފައިސާ ދައްކަމުން ބޭރުގެ އެކި ކަހަލަ ލޯނުތަކަށް ފައިސާ ދައްކަމުން އަދި އެކަން މި ކުރަނީ ފައިސާ ޗާޕް ނުކޮށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ ގައުމު ބަނގުރޫޓްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފައިސާ ޗާޕް ކުރިނަމަ އިގުތިސާދު އެއްކޮށް ހަލާކުވީސް ކަމަށް ރައީސް ވިދާޅުވި އެވެ.

ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް އޭގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އޭގެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ. އަޅުގަނޑުމެންގެ ފައިސާގެ އަގު ރުފިޔާގެ އަގު ހިފެހެއްޓި އިރާދަކުރެއްވިއްޔާ ޑޮލަރުގެ ރޭޓް ތިރިވެ އިގުތިސާދު ރަނގަޅުވަމުންދާނީ. މިހާރު އޭގެ އަސަރު ފެނޭ އެބަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.