ޑރ. މުހައްމަދު މުއިއްޒު

އަމާޒަކީ މިއަހަރު ހުރިހާ ރަށަކަށް ދިއުން: ރައީސް

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މ. މުލަކު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަށް ބޭނުންވަނީ އޭރުން އެމަނިކުފާނު ސީދާ ރައްޔިތުންނާ ބައްދަލުވެ ރައްޔިތުން އެދޭ ކަންކަން ދެނެގަނެ އެކަންކަން ކޮށްދިނުމަށް ފަސޭހަވާނެ ކަމަށެވެ.

"އެހެންވީމަ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ ބައްދަލުކުރެވޭނެ. އެއީ އަޅުގަނޑު ނިންމާފައި އޮތް ގޮތަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ރާއްޖޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށްފަހު މިފަދަ ދަތުރުތަކެއް 2026 ވަނަ އަހަރުވެސް ފައްޓަވާނެ ކަމަށެވެ. ރައްޔިތުންނާ ގިނައިން ބައްދަލުކުރުމަށް ބޭނުންވަނީ ރައްޔިތުންނަށް އެމަނިކުފާނު ވައުދުވީ ކަންކަމާއި ރައްޔިތުން އެދޭ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރެވޭ ކަމުގެ ޔަގީންކަން ލިބުމަށް ކަމަށްވެސް ވިދާޅުވި އެވެ. އޭގެފަހުގައި ރައީސް އެދިވަޑައިގަތީ މިސަރުކާރަށް ރައްޔިތުން އެއްބާރުލުން ދިނުމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިވަގުތު އެއީ ކަރުދާހުގައި ނަމެއްގައި އޮތް ނިޒާމެއް ކަމަށެވެ. އެމަނިކުފާނު ބޭނުންވަނީ ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތް ކޮށްގެން ލާމަރުކަޒީ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރަން ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިވީ ތިން މަސް ދުވަސް ތެރޭގައި ވަނީ 110 އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.