މ. މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުލަކަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
"އަދި މިހާރުން މިހާރަށް އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މުލަކު ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަނދަރުވެސް ބޮޑުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މުލަކުގެ ތަރައްގީއަށް ކުރަން ވައުދުވެފައިވާ ކަންކަމާ އަދި ކައުންސިލުން ފާހަގަކުރާ ކަންކަމާއެކު ތަރައްގީގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނައިގައި ތަންފީޒުކުރަން ކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ކައުންސިލުތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވަނީވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުވުމުުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.